ފީފާއިން ދޭން އެއްބަސްވި ފައިސާގެ ފުރަތަމަ ސެޓްލްމަންޓަށް ވާ 1 ލައްކަ ޑޮލަރު ލިބިއްޖެ ކަމަށާއި، ފީފާއިން ޝަރުތު ކޮށްފައިވާ ގޮތަށް، އެންމެ ފުރަތަމަ ވެސް މުވައްޒަފުންނަށް ނުދީ ހުރި މުސާރަ ދިނުމަށް ތައްޔާރު ވަމުންދާ ކަމަށް މޯލްޑިވްސް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ އާ ސެކެޓްރީ ޖެނެރަލް މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، އެފްއޭއެމްގެ އޮޕަރޭޝަނަލް ހަރަދުތަކަށް ފައިސާ ހަމަޖައްސައިދޭ އުސޫލުން ފީފާއިން 3 ލައްކަ ޑޮލަރުގެ ފައިސާ ދޭން ވަނީ އެއްބަސްވެފައި ކަމަށެވެ. އެ ގޮތުން އެ ފައިސާ ތިން ބަޔަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ ބަޔަށް ވާ އެއް ލައްކަ ރުފިޔާ މިހާރު ވަނީ ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފީފާއިން މި ފައިސާ ދެނީ އެފްއޭއެމްގެ އޮޕަރޭޝަނަލް ހަރަދުތަކަަށް ކަމުގައި ވިޔަސް ފައިސާ ބޭނުން ކުރުމުގައި އަމަލުކުރަން ޖެހޭ ގައިޑްލައިން އަކާއި ޝަރުތުތަކެއް އެބަ އޮތް ކަަމަށް ޖައުޝަން ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމަކީ މުވައްޒަފުންގެ މުސާރާ ދީ ހަލާސް ކުރުން ކަމަށް ޖައުޝަން ވިދާޅުވިއެވެ. މުސާރަ ދީ ނިންމުމަށް ފަހު ނޫނީ އެހެން ކަމަކަށް ހަރަދު ނުކުރުމަށް ފީފާއިން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ފައިސާ ލިބުމާ އެކު މުވައްޒަފުންގެ މުސާރަތައް ހަމަޖައްސާނެ ކަމަށާއި އެކަމުގެ ތަފްސީލްތައް އާންމު އުސޫލުން ފީފާއާ ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން މިހާރު ކުރިއަށް ދަނީ ޕޭރޯލް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް ވެސް ޖައުޝަން ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް މުސާރާ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުރަތަމަ ދިން އެއްލައްކަ ޑޮލަރު ހަރަދުކޮށް ނިމުމުން ބާކީ ފައިސާ ދެފަހަރަކަށް ބަހާލައިގެން ދޭން އެއްބަސްވެފައި ވީ ނަމަވެސް އެ ފައިސާ ދޭނެ ސީދާ ތާރީހެއް ނޭނގޭ ކަމަށް ޖައުޝަން ވިދާޅުވިއެވެ.

އެފްއޭއެމްގެ އެތައް މުވައްޒަފަކަށް މުސާރަ ނުދީ އެތައް މަހެއްވެފައި އެބަހުއްޓެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް 5 ނުވަތަ 3 މަހުގެ މުސާރަ ނުދީ ހުރި އިރު، އެއަށް ވުރެ ގިނަ މަސް ވެފައި ތިބި މުވައްޒަފުން އެބަ ތިއްބެވެ. ސީދާ މުސާރާ ނުލިބޭ މުވައްޒަފުންގެ އަދަދާއި މުވައްޒަފުންގެ މުސާރަ ދޭން ސީދާ ބޭނުންވާ ފައިސާގެ އަދަދު ޖައުޝަން ހާމައެއް ނުކުރައްވައެވެ.