އާސަންދަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އެ ހިދުމަތަށް އާންމުންގެ އަތުން އަހަރަކަށް ކޮންމެވެސް ވަރެއްގެ އަގެއް ނަގަން ފަަށައިގެން ކަމަށް އާސަންދަ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ފާތިމަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ޒީނިޔާ މިހެން ވިދާޅުވީ، އާސަންދައިގެ ވެރިން ހާޒިރުކޮށްގެން މިއަދު ބޭއްވި މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އާސަންދައިގެ ހަރަދުތައް އަތް ނުފޯރާ ފަށަށް ދާއިރު، އެ ހިދުމަތް އިންޝްއަރެންސް ނިޒާމެއްގެ ގޮތުގައި ހިންގަން ނުވިސްނަނީ ކީއްވެތޯ ބޮންޑޭ އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޒީނިޔާ ވިދާޅުވީ، އާސަންދަ ސްކީމަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އެ ކުންފުންޏަށް ނޯންނަ ކަމަށާއި އެކަން ކުރަން ޖެހޭނީ އެންސްޕާއިން ކަމަށެވެ. އެގޮތުން އާސަންދަ ކުންފުނިން ތަންފީޒު ކުރަމުން ދަނީ އެންސްޕާއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ސްކީމެއް ކަމަށާއި އާސަންދަ ސްކީމަށް އެއްވެސް ބަދަލެއް އެ ކުންފުންޏަށް ނުގެނެވޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެ ކުންފުނީގެ ހަރަދުތައް އަތް ނުފޯރާ ފަށަށް އަރާފައި ވާތީ، އެކަމަށް ހައްްލެއް ހޯދުމަށް ރައްޔިތުންގެ އަތުން ކޯޕޭމަންޓެއް ނުވަތަ އަހަރަކު ކޮންމެވެސް ވަރެއް ނަގައިގެން ކުރިއަށް ގެންދާ ހިދުމަތަކަށް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެފަދަ ބަދަލެއް ގެނެވޭނީ އެންސްޕާއިން އެ ބަދަލެއް ގެންނަން އެދުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އެކު އާސަންދައިގެ ހިދުމަތް ކޯޕޭމަންޓެއް ނުލާ ދެމެހެއްތެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ހަރަދު ބޮޑުވާ ބައެއް ސަބަބަތައް ހާމަކުރައްވަމުން ޒީނިޔާ ވިދާޅުވީ، އެންމެ ބޮޑު އެއް މައްސަލައަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ފާމަސީތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުން އާސަންދަ ލިބޭ ގޮތަށް އޮތުން ކަމަށެވެ. ބައެއް ކުލިނިކްތައް ހުޅުވުމުގެ ކުރިން ވެސް އާސަންދަ ލިބޭ ސެންޓަރަކަށް ހެދުމުގެ ހުއްދައަށް އެދޭ ކަމަށާއި، ސިއްހީ ހިދުމަތް ދޭ އަމިއްލަ ތަންތަން، އާސަންދައިން ދޭ ފައިސާގައި ހިންގާ ތަންތަނުގެ ގޮތުގައި ވެފައި ވުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޒީނިޔާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ދެކޮޅު ޓިކެޓް ދީގެން ބޭރުގެ ހޮސްޕިޓަލްތަކަށް ފޮނުވައިގެން ބޭސްފަރުވާ ކުރުމަށް ވުރެ ރާއްޖޭގެ ބައެއް އަމިއްލަ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ބޭސް ކުރުމުގެ ހަރަދު އެތައް ތަނެއް ބޮޑު ކަން ވެސް ޒީނިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާސަންދައިގެ ހަރަދު ކުޑަކުރުމަށް ބައެއް އޮޕަރޭޝަން ފަދަ ކަންކަމަށް ހެލްތު ސެންޓަރުތަކަށް ޕެކޭޖްތަކެއް ހަދާފައި ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭރުން އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓޭނޭ ކަމަށާއި ނަމަވެސް ޕްރައިވެޓް ތަންތަނުން މި ކަމުގައި ދޭ އެއްބާރުލުން ކުޑަކަން ޒީނިޔާ ފާހަގަ ކުރެއްވިއެވެ.