މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްއިން ބުނީ އެ ޕްރޮގްރާމްއަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މަހުގެ 17 ވަނަ ދުވަހަށެވެ. އަދި އެ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ:

  • އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް (މެރިން ސެކްޝަން) - 2 ޖާގަ
  • ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ (މެޝީން ޝޮޕް) - 2 ޖާގަ
  • ކާޕެންޓްރީ - 2 ޖާގަ
  • ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން (އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް) - 2 ޖާގަ
  • އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް (އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް) - 2 ޖާގަ
  • ގްރެފިކް ޑިޒައިނިން - 1 ޖާގަ
  • ކޮޕީ ރައިޓިން - 1 ޖާގަ
  • ސިވިލް އިންޖިނިއަރިން / ސާވޭއިން - 1 ޖާގަ
  • އާކިޓެކްޗަރަލް ޑްރާފްޓިން - 1 ޖާގަ

އެމްޕީއެލްއިން ބުނީ އެ ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުވުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.