ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފިއެވެ.

އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ މައްޗަންގޮޅި ރެސްޓިންހައުސް، ފާތިމަތު އިނާޔާއެވެ.

ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަން ކުރައްވާ ރައީސް މުއިއްޒު ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ.

ކ. މާފުށި، މުސްތަރީގެ އަހްމަދު ނަސީރު އަދި ދަފްތަރު ނަންބަރު ރސ 99031 އަހްމަދު މުނައްވަރު އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް އައްޔަނުކުރައްވައި އެ 2 ދެބޭފުޅުންނަށް ވެސް ރައީސް މުއިއްޒު ވަނީ މިއަދު މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. މި ދެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.