ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ވަޑައިގެން އިންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، މަޖިލީހުގެ ތަޅުމުގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަޑުގަދަކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން އެ ވަގުތު މަޖިލީހަށް ވަޑައިގެން ވަޒީރުންނަށް ހާއްސަ ގޮނޑިކޮޅުގައި އިންނެވި ސައީދުގެ އިތުރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ޖާބިރު އެއްޗެހި ގޮވާފައިވެއެވެ. އަދި އަސްލަމް ޖަލްސާ ފެށްޓެވި ވަގުތު ވެސް އޭނާ ގެންދެވީ އަޑުގަދަކުރައްވަމުންނެވެ.

އެހެންވެ މިއަދުގެ ޖަލްސާ ފަށްޓަވައި މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގަތުމުގެ ކުރިން އަސްލަމް ވަނީ މަޖިލީހުގެ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. ވަކިން ހާއްސަކޮށް ޖާބިރަށް ވެސް އަސްލަމް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ.

އެ ވަގުތު ވެސް ޖާބިރު ގެންދެވީ "އެމްއެމްޕީއާރުސީން ވައްކަންކޮށްގެން މި ގޮނޑިއަކަށް ނާދެވޭނެ،" އަދި "އޭނާ އަކަށް ނާދެވޭނެ،" އޭ ވިދާޅުވެ، އަޑުގަދަކުރައްވަމުންނެވެ. މެންބަރުންގެ ސުވާލުތަކަށް ސައީދު ޖަވާބު ދެއްވަން ފެށްޓެވުމުން ވެސް ޖާބިރު އަޑުގަދަކުރެއްވުން ހުއްޓާނުލައްވާތީ އަސްލަމް ވަނީ ޖާބިރަށް ނަސޭހަތްތެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، ދެން ޖާބިރުގެ ނަން އިއްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ވެސް ޖާބިރު ގެންދެވީ ސައީދު ޖަވާބު ދެއްވަނިކޮށް އަޑުގަދަކުރައްވައި މެންބަރުންނަށް އަޑުނީވޭނެހެން ހުރަސް އަޅުއްވަމުންނެވެ.

އިތުރު ސުވާލަށް ރިޔާސަތުން ހުޅުވާލި ވަގުތު އެމްއެމްޕީއާރުސީގެ ވައްކަމުގެ ތުހުމަތުކުރައްވައި ޖާބިރު ވަނީ ސައީދާ ސުވާލުކުރައްވައިފައެވެ. ނަމަވެސް ހަމަތަކުގެ މަތިން ޖާބިރު ކުރެއްވި ސުވާލެއް ނޫން ކަމަށް އަސްލަމް ވިދާޅުވުމުން ޖާބިރު އަނެއްކާ ވެސް ތަޅުމުގައި އަޑުގަދަކުރައްވަން ފެއްޓެވުމުން އެންމެ ފަހުން ނަން އިއްވީއެވެ.

ރިޔާސަތުން ނަން އިއްވުމާ ގުޅިގެން ޖާބިރު ވަނީ ބިންމަތީގައި އޮށޯވެވަޑައިގެން އަޑުގަދަކުރައްވައިފައެވެ. އެހެންވެ ރިޔާސަތުން ވަނީ ޖާބިރު ޖަލްސާގައި ނެތް ކަމަށް ބަލައި، ޖަލްސާ ކުރިއަށް ގެންދަން އެންމެ ފަހުން ނިންމައިފައެވެ.

މީގެ ކުރިން ވެސް މަޖިލީހުގެ ގަވައިދުތަކާ އެއްގޮތަށް އަމަލުނުކުރައްވާތީ ޖާބިރުގެ ނަން ވަނީ އިއްވައިފައެވެ.

އެންމެ ފަހުން ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ޖާބިރު ވަނީ، ވަޒީރުންނަށް ކޮމިޓީން ވަކިން ރުހުން ދިނުމަށް ފަހު ތަޅުމަށް ފޮނުވުމަށް ގޮވާލައްވައިފައެވެ. ބެލެވޭ ގޮތުގައި ޖާބިރު ނުރުހުން ފާޅުކުރައްވައި ތަޅުމުގައި މިއަދު އަޑުގަދަކުރެއްވީ އެ ސަބަބާ ހެދިއެވެ.