ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރު ވޮލްކާ ޓާކްއާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވާހަކަދައްކަވައިފިއެވެ.
އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްއާއި ވޮލްކާ ޓާކް ވަނީ ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހާއްސަ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި އައްޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަގީންކުރުމުގެ މުހިންމު މައުލޫއަށް ނައިބު ރައީސް ވަނީ އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.
ނައިބު ރައީސް ވަނީ އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހާއި އަދި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.
ވޮލްކާ ޓާކްގެ އިތުރުން އިއްޔެ ނައިބު ރައީސް ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ޑަބްލިޔުއެޗްއޯގެ ފަރާތުން އަބަދުވެސް ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލުމަށްޓަކައި އެ ޖަމުއިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލައްވާ ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ނަމަވެސް އަދިވެސް އެ ދާއިރާއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ކުރިޔަށްމިދާ ފަސް އަހަރުގެ ދައުރަކީ މިފަދަ އެންމެހާ ގޮންޖެހުންތައް ގިރާކުރުމާއެކު ފެންވަރު ރަނގަޅު، އިތުބާރު ހިފޭ ސިއްހީ ހިދުމަތުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ފަސް އަހަރު ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސްއާއި ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ވަނީ ސިއްހީ ފަރުވާ ހަރުދަނާ ކުރުމަށާއި ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހީ ފަރުވާގެ އަމާޒުތައް ހާސިލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒެލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި މި ޑިސެމްބަރު މަހުގެ 11 އިން 12 އަށް ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.