އޭރުގެ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ކުރި ތުހުމަތުތައް ތަހުގީގުކޮށް ޕަބްލިކް އިންކުއަރީ ހެދުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ގަރާރު މިއަދު ބަލައިގެންފިއެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި މި ގަރާރު މަޖިލީހުން މިއަދު ބަލައިގަތީ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 53 މެންބަރުން ވެސް ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދިނުމުންނެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ، މި ގަރާރު ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ފޮނުވާލައްވައިފައެވެ.

މިދިޔަ މަހުގެ 28 ގައި މުޣުނީ ހުށަހެޅުއްވި ގަރާރުގައި ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅުން ކުރި ތުހުމަތުތަކުގެ ހަގީގަތް ހާމަކުރުމަށް އެދި ގިނަ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

އެހެންކަމުން އެކަމުގެ ހަގީގަތް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެންނަ ކަމަށް، އެ ގަރާރުގައިވެއެވެ.

މިހާރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ސަރުކާރަށް ތުހުމަތުކުރަނީ

  • ރާއްޖެ / މޮރިޝަސް ދެމެދު އޮންނަ ކަނޑުގެ ފުށޫއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައި ވަނީ ރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް
  • ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް
  • އިންޑިއާގެ އެތައް ހާސް ސިފައިންނެއް ބައިތިއްބައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން އުޅުނު ކަމަށް