އިތުރު 2 ބޭންކްއަކުން "ފަވަރަ" އިންސްޓޭންޓް ބޭންކިން ސިސްޓަމްއާ ގުޅިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ފަވަރައާ ގުޅިފައި ވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (އެމްސީބީ) ކަމަށެވެ.

ބީއޯސީ އަދި އެމްސީބީއިން ފަވަރައާ ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް، ޕައިލަޓް ޓެސްޓިން ނިންމާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިއަދުން ފެށިގެން އެ 2 ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީގެ އިތުރުން ފަވަރަ ރިކޯލް ހިމެނޭހެން ފަވަރަގެ އެންމެހާ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ ބީއެސްއެމް، އެމްސީބީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހިމެނޭހެން ޖުމްލަ 5 ބޭންކެއް މެދުވެރިކޮށް މިހާރު ފަވަރަގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތައް:

  • ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
  • ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
  • އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ފަވަރަ ޕޭމަންޓް ސިސްޓަމްއަކީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ އަށް މި ފަހުން އަންނާނެ އެންމެ ބޮޑު ބަދަލު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި ސިސްޓަމްގެ ދެވަނަ ފޭސް ނިމޭއިރު ހިދުމަތްތައް ފުޅާކުރެވި އާ ކަންތައްތައް ތައާރަފްކުރެވި މާފަސޭހަ އީޖާދީ ބަދަލުތަކެއް ރާއްޖޭގެ މާލީ ނިޒާމަށް ގެނެސްދޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.