މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމުގެ ގޮތުން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ކޯޑް (އައިއެސްޕީއެސް)ގެ މިންގަނޑާ އެއްގޮތަށް ޑްރިލްއެއް ހިންގައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 9:30 އިން 11:30 އަށް ކުރިއަށް ގެންދިޔަ މި ޑްރިލްއަކީ އެމްޕީއޭލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި ހެލްތް ސޭފްޓީ ޑިޕާޓްމަންޓާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ޑްރިލްއެކެވެވެ. ޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމާއި، ކުއްލި ހާލަތްތަކުގައި ތައްޔާރީތައް ހަރުދަނާ ކުރުމަށް މެދުކެނޑުމެއް ނެތި އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ޑްރިލްގައި އެ ކުންފުނީގެ 19 މުވައްޒަފުން ބައިވެރިވެފައިވާ އިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޓީމެއް ވަނީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ.

މި ޑްރިލް ނިންމާލުމަށް ފަހު ބޭއްވި ޑީ ބްރީފިންގް ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވަނީ މާލޭ ވިޔަފާރި ބަނދަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ކުއްލި ހާލަތްތަކުގެ ތައްޔާރީތައް ހަރުދަނާ ކުރުމުގެ މުހިއްމު ކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން މިހާރު ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސީއީއޯ ވަޖީހު ދެއްވިއެވެ.

ޑީބްރީފިން ބައްދަލުވުމުގައި ވަރަށް ތަފްސީލުކޮށް ޑްރިލްއާ ބެހޭގޮތުން މަޝްވަރާކޮށް ކުއްލި ހާލަތްތަކަކަށް ތައްޔާރުވުމަށް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ މެދު މަޝްވަރާ ކޮށްފައިވެސް ވެއެވެ.