ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސް އާސަންދައިން އެއްކޮށް ކަވަރުކުރާ ގޮތް ހަދަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އާންމު ސިޔާސަތުތަކާ ބެހޭ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، ދަރިމައިވުމާ ގުޅުންހުރި ދެ ބަލި ކަމަށްވާ ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސް އަށް އާސަންދަ އިން ފަރުވާ ދިނުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ވާހަކަ ދެކެވުނު ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، މިހާރު އޮތް ހާލަތަށް ބަލާއިރު:

- މި ދެ ބައްޔަށް ގިނަ އަންހެނުން ފަރުވާ ހޯދާފައިވާ ކަމަށް

- އާސަންދަ އިން މި ދެ ބަލީގެ ފަރުވާ ރަނގަޅަށް ކަވަރުނުކުރެވޭ ކަމަށް

މި ކަންކަމަށް ބެލުމަށް ފަހު ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސް އަށް އާސަންދަ އިން ފުލް ކަވަރޭޖް ދޭން ވަޒީރުންގެ މަޖިލީހުން ނިންމީ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ހަމަ އެއާއެކު، އާންމުންނާއި ސިއްހީ މަސައްކަތްތެރިންގެ މެދުގައި ޕީސީއޯއެސް އާއި އެންޑޯމެޓްރިއޯސިސް އާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރަން ސަރުކާރުން ނިންމެވީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންޑޯމެޓްރިއޯސިސް އަކީ މައިބަދައިގެ ފަށަލަ އާ އެއްގޮތް ޓިޝޫތައް މައިބަދައިގެ ބޭރުގައި އުފެދޭ އުފެދުމެވެ. އެންޑޯމެޓްރިއޯސިސްގެ ސަބަބުން މާބަނޑުވުމަށް އުނދަގޫވެއެވެ.ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް (ޕީސީއޯއެސް) އަކީ ދަރިމައިވުމުގެ އުމުރުގެ އަންހެނުންނަށް ދިމާވާ އެންޑޯކްރައިން ޑިސްއޯޑާއެކެވެ. އެންޑޯމެޓްރިއޯސިސް އެކޭ އެއްގޮތަށް ޕީސީއޯއެސް ޖެހިފައިވާ މީހުންނަށް ވެސް މާބަނޑުވުމަށް އުނދަގޫވެއެވެ.ސަރުކާރުން ވަނީ މިދިޔަ އާދީއްތަ ދުވަހު އައިވީއެފް އާއި މެޑިކަލް ޗެކަޕް އާސަންދަ މެދުވެރިކޮށް ހެދޭ ގޮތަށް ނިންމައިފައެވެ.