ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ފެނުނު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ދެންމެ ބުނެފިއެވެ.

ސައިކަލަކާއެކު ވެއްޓިފައި އޮއްވާ އެ ކުއްޖާ ފެނިފައި ވަނީ ރޭ ދަންވަރު 3:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި ރޭ ދަންވަރު ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މާލެގަން ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ސައިކަލަކާއެކު ވެއްޓިފައި އޮތް ކުއްޖަކު ފެނިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ވެއްޓިފައި އޮއްވާ ފެނުނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކުއްޖާއަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލެއް ފުލުހުން ބުނެދީފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.