ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު އެލާޓްގައި ބުނީ، އައްޑު އާއި ފުވައްމުލަކަށް މިއަދު މެންދުރު ފަހު 1:00 އާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ހަމަ އެހެންމެ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ވެސް މެޓް އޮފީހުން ވަނީ މެންދުރު ފަހު 2:00 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑުއަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.
މި ހަފްތާ ބަންދުގައި ވައިބާރުވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މޫސުން އަލިވާން ފަށާނީ އަންގާރައިން ފެށިގެން ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން މީގެ ކުރިން ވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މިއީ ކުއްލިއަކަށް ރާއްޖޭގެ ސަރަހައްދުގައި އުފެދުނު ވިލާގަނޑެއްގެ އަސަރު ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
