ސްޓެލްކޯގެ ހެޑް އޮފީސް އިމާރާތުގެ ކައިރީގައި އެ ކުންފުނިން ހަރުކޮށްފައި ހުންނަ ފްލަޑް ލައިޓުތަކެއް ރޭގަނޑު ދިއްލާފައި ހުންނާތީ ކައިރި ގެއަކަށް އުނދަގޫ ވެގެން ޝަކުވާއެއް ހުށަހަޅާފައި ވާތީ އެ މައްސަލަ ހައްލު ކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
އެ ޝަކުވާ އާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، މީހަކު ސިޓީއެއް ލިޔެ ސޮއިކޮށް ހުށަހަޅާނީ އުނދަގޫތަކެއް ވާތީ ކަމަށާއި ފްލަޑް ލައިޓްތައް އެހެން ގޮތަކަށް ބަދަލުކޮށްގެން ނަމަވެސް އެމައްސަލަ ހައްލު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައި ވާ ކަމަށެވެ.
'ދަ ޕްރެސް' އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެ ސީޓީގައި އޮތް ބައެއް ވާހަކަތައް ތަފްސީލް ކޮށްދެއްވަމުން ފަހުމީ ވިދާޅުވީ، "އެ ގެއަކަށް ދުވަހަކު ވެސް ރޭގަނޑު ނުވާ" ކަމަށެވެ. އޭނާ އެގޮތަށް އިޝާރާތް ކުރެއްވީ ދުވާލުގެ ވަގުތުތަކުގައި އިރުގެ އަލި ލިބޭގޮތަށް ރޭގަނޑުގެ ވަގުތުގައި ސްޓެލްކޯގެ ފްލަޑް ލައިޓް ދިއްލާފައި ހުރުމުން އެގެއަށް އުނދަގޫވާނެ މިންވަރު ހާމަ ކޮށްދެއްވުމުގެ ގޮތުންނެވެ.
އޭނާ ވިދާޅުވީ، މި މައްސަލަ ހައްލުކުރަން އެ ކުންފުނިން މާ ބޮޑު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި މިހެން ހުންނަ ކުދި ކުދި ކަންތައްތައް ވެސް ރަނގަޅު ކުރައްވަން ބޭނުންވާ ކަމަށެވެ. އެއްވެސް މީހަކަށް ސްޓެލްކޯގެ ފަރާތުން އެއްވެސް އުނދަގުލެއް ވަންޏާ އެ ޝަކުވާއެއް ހިއްސާ ކުރުމަށް ފަހުމީ އެދިވަޑައިގަތެވެ. ޝަކުވާ ހުށަހެޅުމުން އެކަމެއް ހައްލު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ހިދުމަތް ދިނުމުގައި ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމަށާއި ކަރަންޓު ކަނޑާލައިގެން އަންނަ ކަސްޓަމަރުންގެ ކުލައަކަށް، މަގާމަކަށް ނުބައްލަވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށް ވެސް ހިދުމަތް ދޭނީ އެއްގޮތަކަށް ކަމަށާއި ތަފާތު ކުރުމެއް އެ ކުންފުނިން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އެ ކުންފުނި ހިންގާނީ ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އެ ކުންފުނީގެ ފަރާތުން އެއްވެސް ރައްޔިތަކަށް އުނދަގުލެއް ޖެހިގެން ނުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ބޭނުންވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ހިދުމަތް ދޭން، މިއީ ރައްޔިތުންގެ ކުންފުންޏެއް" ނިންމަވާލައްވަމުން ފަހުމީ ވިދާޅުވިއެވެ.