އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ވިލުންތެރި އަދި ފުދުންތެރި ސަރަހައްދަކަށް ހެދުމަށްޓަކައި ތަޖުރިބާ ހިއްސާކުރުމަށާއި އެކުގައި މަސައްކަތްކޮށް ހަރުދަނާ ގުޅުންތަކެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތައް ގުޅިގެން އިގްތިސާދީ ތަރައްގީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

މި ފޯރަމްގައި ނައިބު ދެއްކެވި ވާހަކަގައި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު ދިވެހިރާއްޖެ ޕްރޮމޯޓްވުމަށްފަހު، އިންޑިއާ ކަނޑުގެ ސަރަހައްދާއި، އެނޫންވެސް ސަރަހައްދުތަކުގެ ގައުމުތަކާ ގުޅިގެން ސަރަހައްދީ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް ރާއްޖެއިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުޖުތަމައާ ގާތްގުޅުމެއް އުފައްދާ މަޝްވަރާއަށް އިސްކަންދީ، ސުލްގަވެރިކަމާއި އެކުވެރިކަމާއެކު ދެމިތިބެ އެއް އަމާޒަކަށް މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ބާރުއަޅަމުން އަންނަކަމުގައިވެސް ނައިބު ވިދާޅުވިއެވެ.

ނައިބު ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ގައުމެއް ކަމަށާއި ދެ ގައުމުންވެސް، އިޖްތިމާއީ ތަރައްގީއާއި، ސުލްހަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަގްސަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގައި ނައިބު ވިދާޅުވިއެވެ. މިގޮތުން، މި ދެގައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިހްތިރާމާއި ދެ ގައުމުން ހިއްސާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް ނައިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ވަނީ ދެގައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެގައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ނައިބު ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދުގެ ނުވަދިހަ ނުވަ ޕަސެންޓަކީ ކަނޑުގެ ސަރަހައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ ޕަސެންޓެއް ކަމަށާއި ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ކަމަށެވެ.

އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިގްތިސާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައްކަމުގައި ނައިބު ވިދާޅުވިއެވެ.

ނައިބުގެ ވާހަކަގައި، ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއްގެ ވެރި ޤައުމެއް ނަމަވެސް ރާއްޖެއަކީ ވިލުންތެރި އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރަމުން އަންނަ ގައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި އާންމު މުޖުތަމައުތަކަށާއި ތިމާވެއްޓަށްވެސް އޭގެ ފައިދާވާ ގޮތަށް ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އީޖާދީ ގޮތްތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ނައިބު ވިދާޅުވިއެވެ.