ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނާއި ނޮދާން އަޔަލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންނާއެކު "ޕިއާ-ޓު-ޕިއާ އެކްސްޗޭންޖް ޕްރޮގްރާމް" އެއް ފަށައިފިއެވެ.
4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީއާއި އަދި ނޮދާން އަޔަލެންޑް އެސެމްބްލީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތުތައް ދެ ގައުމުގެ މެދުގައި ހިއްސާކޮށް މަޝްވަރާ ކުރުމެވެ. އެގޮތުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ހަމައެހެންމެ ދެފުށް ފެންނަގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ދެ ގައުމުގެ މެދުގައި މަޝްވަރާތަށް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި، ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ދެގައުމުގެ މެދުގައި ވަނީ ހިޔާލު ބަދަލުކޮށްފައެވެ.
މީގެ އިތުރުންވެސް އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާއިން ކުރަމުންދާ މަސައްކަތްތަކާއި، ވެބްސައިޓު އަދި ސޯޝަލް މީޑިއާގެ ބޭނުންތަކާ ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކާފައެވެ.
މި ޕްރޮގްތާމްގެ ތެރެއިން ނޮދާން އަޔަލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޒިޔާރަތްކޮށް މަޖިލީހުގެ އެކި އެކި މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާ ބައްދަލު ކުރައްވާފައި ވެއެވެ.
އަދި ހަމައެހެންމެ މި ޕްރޮގްރާމްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން ވެސް ވަނީ ނޮދާން އަޔަލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.