ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗެއާމަން ކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އާމިރު މަންސޫރު އައްޔަން ކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ވަނީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ތަކެއް ގެނެސްފައެވެ.

އެގޮތުން ޗެއާމަންގެ މަގާމަށް މއ. މަނަސް އާމިރު މަންސޫރު، އައްޔަންކޮށްފައިވާއިރު ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މއ. ދަނޑިކޮށީއިރުމަތީގެ މުހައްމަދު މުރާދުއެވެ. މީގެ ކުރިން އެސްޓީއޯގެ ޗެއާމަން ކަމުގެ މަގާމު ފުރުއްވަމުންދިޔައީ މއ. ޗަނބޭލީމާގެ ހާމިދު ނަޝީދުއެވެ.

އާމިރު މަންސޫރަކީ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުންދާ ބޭފުޅެވެކެވެ.

އަދި ބޯޑުގެ ޑިރެކްޓަރު ކަމަށް އައްޔަން ކުރި މުރާދު ވަނީ މީގެ ކުރިން އެސްޓީއޯގެ އެކި ޑިޕާޓްމަންޓުތަކުގެ މެނޭޖަރުކަން ކުރައްވާފައެވެ.

ދާދިފަހުން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްވެސް އާ ބެފުޅަކު އައްޔަން ކޮށްފައެވެ. އެގޮތުން އެމްޑީގެ މަގާމަށް ޝިމާދު އިބްރާހިމް އައްޔަންކޮށްފައިވާއިރު އޭނާ އަކީ މަލްޓިލޭޓަރަލް އަދި ކޮމާޝަލް ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުގެ އިތުރުން ބޭންކް ތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށް ތަޖުރިބާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.