މާވެޔޮ މިސްކިތް ކައިރި މަގުމަތީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުން ސްޓެލްކޯއަށް ދީފައިވާ ބިމެއްގައި އާ ޓްރާންސްފޯމަރެއް ރޭގެ ވަގުތެއްގައި ބަހައްޓައިފިއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހުސައިން ފަހުމީ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެ ސަބްސްޓޭޝަން ހުރި ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. އެތަން ބައްލަވާލެއްވުމަށް ފަހު އެ މަގު ބޭނުންކުރާ އާންމުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެ ސަބްސްޓޭޝަން ނަގާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ މަސައްކަތުގެ ތެރެއިން ރޭގެ ވަގުތެއްގައި، މާވެޔޮ މިސްކިތް ސަރަހައްދު ކައިރިން ސްޓެލްކޯއަށް ދީފައިވާ ބިމެއްގައި ވަނީ އާ ޓްރާންސްފޯމަރެއް ބަހައްޓާފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސްޓެލްކޯ އިން ބުނީ ބަހައްޓާފައި ވަނީ 2000 ކިލޯވޯޓުގެ ޓްރާންސްފޯމަރެއް ކަމަށާއި އަދި އިތުރު ޓްރާންސްފޯމަރެއް ބަހައްޓާނެ ކަމަށެވެ. ދެ ޓްރާންސްފޯމަރު ބަހައްޓައި އެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

މާވެޔޮމަގުގައި އާންމުންނަށް ތަކުލީފްވާ ގޮތަށް ހުރި ޓްރާންސްފޯމަރުތައް ނެގުމާ ގުޅޭގޮތުން އެމްޑީ ފަހުމީ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަނީ ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައި ދެއްވާނެ ކަމަށެވެ.

މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރުތަކުގެ ސަބްސްޓޭޝަން އެތަނުގައި ހުންނަތާ 6 އަހަރެއްހާ ދުވަސް ވެއްޖެއެވެ.