ބިމެއްގެ މައްޗަށް ރަހުނުގެ މައްސަލައެއް އޮތް ނަމަ އެ މައްސަލަ ނިމުމުން އެ ބިމެއް ވިއްކޭނެ ގޮތަށް ހަދަން، ބިމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ބިމާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ބިމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހުރި އަމިއްލަ ބިމާއި ގޯތި، އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު އަމިއްލަކުރާ ބިން ނުވަތަ ގޯތި ވިއްކަން ވާނީ ހިބައަކުން ނުވަތަ ވަސިއްޔަތަކުން، ނުވަތަ ގޯތި ވިއްކަން އެދޭ މީހާ އާއި އެ މީހަކު ޝަރުއީގޮތުން ބަލަން ޖެހޭ މީހުންނަށް އުޅޭނެ އެހެން ތަނެއް ހަމަޖައްސައިދިނުމަށްފަހުގައެވެ.
މި މާއްދާ އަށް އިސްލާހު ހުށަހެޅުއްވީ، ޖާބިރު ވިދާޅުވި ގޮތުގައި، ބިމާ ބެހޭ އެކިއެކި މުއާމަލާތްތަކާ ގުޅިގެން މުދަލުގެ މުއާމަލާތްތަކުގެ މައްޗަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބިން ރަހުނުކޮށް އެގޮތުގެ މަތިން ކަށަވަރުކޮށްދޭ މުއާމަލާތްތަކަށް ރައްކާތެރިކަން ދިނުމުގެ އުސޫލު ގާއިމްކުރުމާއި ބިމުގެ މައްޗަށް ރަހުނު ގާއިމްކޮށްފައި ނުވާ، އަދި އެގޮތުން ޑިއު ޑިލިޖަންސްގެ ޒަރިއްޔާ އިން ތަން ގަނެވޭނެ މުއާމަލާތަކަށް ނުވާ ހާލަތުގައި ބިން ވިއްކާ ފަރާތާ އެކު ހެޔޮ ނިޔަތުގައި މުއާމަލާތުކޮށް ބިން ގަންނަ ފަރާތްތަކަށް އެކަށޭނަ ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ.
ޖާބިރު ހުށަހެޅުއްވީ މި މާއްދާ އަށް ދެ ނުކުތާ އެއް އިތުރުކުރުމަށެވެ. އެއީ:
- ބިން ވިއްކާއިރު އެ ބިމުގެ މައްޗަށް ރަހުނެއް ގާއިމްކުރެވިފައިވާ ނަމަ އެ ބިމެއް ވިއްކޭނީ ރަހުނުގެ މައްސަލަ ނިމުމުން ކަމަށް
- ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު ވިއްކާ މީހާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތް ނަމަ އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުކޮށްދިނުމުގެ އެންމެހާ އިޖުރާއަތުތައް ފުރިހަމަކޮށްދޭން ވާނެ ކަމަށް
ބިމާ ބެހޭ ގާނޫނު ތަސްދީގުކޮށް އެ އަށް އަމަލުކުރަން ފަށާފައި ވަނީ މީގެ 20 އަހަރުކުރިން މޭ މަހުގެ 23 ވަނަ ދުވަހުގައެވެ.