ރަށްރަށުގައި 4000 އިން މައްޗަށް ފައިސާ ދައްކާ ހައުސިން ޔުނިޓްތަކުގެ ކުލި 3333 އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއީ ވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެން ވައުދުފުޅެކެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު އެ ބައްދަލުވުމުގައި ނިންމި ކަންކަން ހާމަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، 10 ކަމެއް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށާއި އޭގެތެރެއިން 3 ކަމަކީ ބޯހިޔަވަހީކަމާ ގުޅިގެން އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅުތައް ކަމަށެވެ. އެގޮތުން ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ އަގު 3333 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށާއި އެ އަދަދު ކުޑަ ކުރި ނަމަވެސް ފައިސާ ދައްކަން ޖެހޭ މުއްދަތަށް ބަދަލެއް ނާންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރުވެސް އޮތް ގޮތަށް މުއްދަތަކީ 20 އަހަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ކުލީގެ އަގު 3333 ރުފިޔާއަށް ބަދަލުކޮށްފައި މިވަނީ 5000 އަށް، 4500 އަށް ނުވަތަ 4000 އަށް ކުލި ދައްކަމުން އަންނަ ތަންތަން ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. 2500 އަށް ކުލި ދައްކަމުން އައި ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަ ނުވާނެ ކަމަށާއި އެތަންތަނުގެ ކުއްޔަކީ 2500 ރުފިޔާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ކުރި ހަރަދަށް ޖެހޭ އެވްރެޖް އަގު ކަމަށް ބުނާ ދެ ލައްކަ ރުފިޔާ ފްލެތްގެ އަގުން އުނިކޮށްފައެވެ. އެ އަދަދު އުނިކޮށް މިހާރު ހިޔާ ފްލެޓްތަކަށް ކުޅީގެ ގޮތުގައި ދައްކަމުން އަންނަ 5300 ރުފިޔާގެ ބަދަލު ދެން ދައްކަން ޖެހޭނީ 3984 ރުފިޔާ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކާ ކުލި ކުޑަކުރަން ވެސް ވަނީ ނިންމާފައެވެ އެގޮތުން މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދުން 50 ޕަސެންޓް ކުޑަ ކުރުމަށާއި މަހުންމަހަށް ދައްކާ ކުލިން 4200 ރުފިޔާ އުނިކުރަން ވަނީ ނިންމާފައެވެ.