ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޕޯޓަލް ޑައުންވެއްޖެއެވެ.

ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ މި ބޮޑު މަޝްރޫއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިރޭގެ 23:59 އެވެ. މި މަޝްރޫއަކީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށިގެންދިޔަ ވަރަށް މުހިންމު މަޝްރޫއެކެވެ. ފޯމު ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދަނީ 'ބޯހިޔާވަހި' ޕޯޓަލް މެދުވެރިކޮށެވެ.

ވަގުތު ކުޑަތަންވަމުން އައި ނަމަވެސް މިހާރު ވަނީ 'ބޯހިޔާވަހި' ޕޯޓަލް ޑައުންވެފައެވެ. ޕޯޓަލް ޑައުންވެފައި މިވަނީ ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލް އަށް ވަނުމަށް މަސައްކަތް ކުރަމުންދާތީ ކަމަށް ސައިޓުން ފެނެއެވެ. ވަންނަން މަސައްކަތް ކުރި ނަމަވެސް އަރަނީ "ޓޫ މެނީ ރިކުއެސްޓް" ކަމަށެވެ.

އެންމެ ފުރަތަމަ ނިންމާފައި ވާގޮތުން ނަމަ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާން އޮތީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ވަނީ އެ މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއަށްފަހު އަނެއްކާވެސް ޖޫން 15ގެ ނިޔަލަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ.

ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލް ޑައުންވެފައިވާ ސްކްރީން ގްރެބެއް

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.

ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 7,900 ފްލެޓެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ.

މި ފަހަރުގެ ސްކީމްގައި އުސޫލުތަކަށް ބައެއް ލުއިތައް ވެސް ވަނީ ގެނެސްފައެވެ. އެގޮތުން ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކަކުގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް އަނެކާއަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލު ގެނެސް، އެ ފަރާތްތަކަށް ވެސް ފުރުސަތު ވަނީ ފުޅާކޮށްފައެވެ.