ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއު އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލައިފިއެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި ޖާގަ ތަނަވަސް، އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތް ކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ.

އަލަށް ހަރުކުރި ލިފްޓުތައް އާންމުންނަށް ހުޅުވާލާފައިވަނީ މިރޭ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި މީގެކުރިން ހުރީ ކޮންމެ ޓަވަރެއްގައި ތިނެއް ނުވަތަ ހަތަރު ލިފްޓެވެ. ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭ މި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން، އަރައި ފޭބުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހި، އެކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑުވެފައެވެ.

އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރި އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުރެއެވެ. މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.

މިއާއެކު ހިޔާ ޓަވަރުތަކުގެ ލިފްޓުތަކަށް ބާރުބޮޑުވެ، އާންމުން ކިއޫގައި ތިބެންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.