މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނާޖައިޒުކަމެއް ނުވަތަ ވަކި މީހަކަށް ފައިދާވާ ކަހަލަ ކަމެއް ހިންގަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ހިންގާ "ނޭޝަނަލް ޗެޓް" ޕޮޑްކާސްޓުގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުން ކަންތައްތައްކޮށްފައިވާ އޮތް ގޮތުން ކަންކަން ހުރީ ތުހުމަތުގެ އިނގިލިތައް ދިއްކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ނުފޫޒު ގަދަ ފަރާތްތަކުން ބޭނުންވާ ގޮތަކަށް، ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ކަމުގެ ވާހަކައަކީ އަބަދު ވެސް ދެކެވެމުން އަންނަ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އަދުގެ ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް ކަމަށް ވާއިރު، އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.

ބޯހިޔާވަހިކަމަކީ ޒަރޫރީ ބޭނުމަކަށްވާއިރު، މިކަމުގައި އެންމެ މުހިއްމީ ރައްޔިތުންނަށް އިންސާފުން އެ ފުރުސަތު ލިބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތްތަނުގައި، މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެކަމުގައި ވިދާޅުވެފައެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާވަހި ކަމުގެ ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި އަލަށް ތަރައްގީކުރާ ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެއެވެ.

ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 7,900 ފްލެޓެވެ. މީގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް، 1,500 ފްލެޓް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި 2,400 ފްލެޓް ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ވަނީ ކަނޑައަޅާފައެވެ.