ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގިނަ މުވައްޒަފުންތަކެއް ވަޒީފައިން ވަކިކުރަމުންދާ ކަމަށް ބުނެ މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެހެނިހެން ގޮތްގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ކަމުގެ ހަގީގަތް އޮޅުވާލާ، ނާޖާއިޒު މަގްސަދެއް ހާސިލް ކުރުމަށް ރޭވުންތަކެއްގެ ތެރެއިން ހިންގާ ޒިންމާދާރު ކަމެއް ނެތް ކަމެއް ކަމަށެވެ.
ފެނަކައިން ބުނީ ބައެއް ރަށްރަށުގައި އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުތައް ނިމި، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހުސްވެ ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް އިރު، އެ މަޝްރޫއުތަކަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު، ރިޔާސީ އިންތިހާބާ ދިމާކޮށް އަދި އިންތިހާބުގެ ފަހުން، މިދިޔަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމަކީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ގޮތަށް ކޮށްފައިވާ ކަމަކަށްވާތީ އަދުގެ ކުންފުނީގެ މެނޭޖް ދަނީ ކުންފުނިން ހިދުމަތް ފޯރުކޮށްދޭ އެންމެހައި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރެވޭނެ މަގުން ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ފެނަކައިން ބުނެއެވެ.
އެގޮތުން މަސައްކަތް ނިމިފައިވާ މަޝްރޫއުތަކަށް އަދި ފާއިތުވި 3 މަސްދުވަހު އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާ، މިވަގުތަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް މަޝްރޫއުތަކަށް ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ނަގައި، އާ ސަރުކާރަށާއި ކުންފުނީގެ އާ މެނޭޖްމަންޓަށް ބުރައަކަށް ވާގޮތަށް މި ދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓް މުއްދަތު ހަމަވާގޮތަށް ހަމަޖައްސާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓްތައް އާ ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން އިތުރަށް ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުގެ ބޭރުން ވެސް ގިނަ އަދަދަކަށް މުވައްޒަފުން ނަގައި ދާއިމީކޮށްފައި ވާއިރު، އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް ކުންފުނީގެ އަދުގެ މެނޭޖްމަންޓުން ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ.
އެހެންކަމުން ކަމުގެ ހަގީގަތް ހާމަ ކުރުމެއްނެތި ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އަދި މިފަދަ ކަންކަމާ ކެރިގެން ކުރިމަތިލައި ދެފުށް ފެންނަ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުންފުނި މިހާރު ވެއްޓިފައިވާ މާލީ އަދި އިދާރީ އަނދަވަޅުން ސަލާމަތް ކުރުމަށް ރައީސް ޑރ. މުހަައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން އަދުގެ މެނޭޖްމަންޓުން ސާބިތު ކަމާއެކު މަސައްކަތްކޮށް، ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.