ދަރުމަވަންތަ ސްކޫލް އިމާރާތްކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް އިމާރާތް ކުރި ކޮންޓްރެކްޓަރު، އެސްޖޭ ކޮންސްޓްރަކްޝަން އިން ތުހުމަތު ކޮށްފިއެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮތް ހުސް ބިމުގައި މުޅިން އަލަށް އިމާރާތްކޮށް މިދިޔަ އޮގަސްޓް މަހު ބޭނުންކުރަން ފެށި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ ކުދިންނާއި ޓީޗަރުންނަށް ވަނީ ނުރައްކަލަކަށް ވެފައެވެ.

އެ މައްސަލައާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަން އިން ބުނީ ދަރުމަވަންތަ ސްކޫލްގެ ޕްރޮޖެކްޓަކީ ބޮޑެތި މައްސަލަތަކެއް ހުރި ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ދޮރުތަކުގެ ބިއްލޫރީގެ ތިކްނެސް 10މިލި މީޓަރަށް ބަދަލު ކުރުމަށް މިނިސްޓްރީގައި އެދުމުންވެސް އެކަމަށް ފަރުވާލެއް ނުދީ ކުރެހުމުގައި ހުރިގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގާފައިވާ ކަމަށް އެސްޖޭ ގުރޫޕުން ބުނެފައި ވެއެވެ.

އަދި ހަމައެހެންމެ ފައުންޑޭޝަނުގެ މަސައްކަތް ކުރަނިކޮށް ފައުންޑޭޝަން ފެއިލްވާކަން ފާހަގަކޮށް، އެވާހަކަ މިނިސްޓްރީގައި އެދުނު ނަމަވެސް ފުރަތަމަ އެކަމަށް ދެކޮޅު ހެދިކަމަށް ވެއެވެ. އަދި އެކަމަށް ފަހުން އެއްބަސްވީ ފައުންޑޭޝަން އަލުން ރީ ޑިޒައިން ނުކޮށް މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށް މިނިސްޓްރީއަށް އެންގުމުން ކަމަށްވެއެވެ.

މީގެ އިތުރުންވެސް ބައެއް ސިޑިތަކުގެ ކައިރީގައި ރެއިލިން ވެސްނެތް ކަމަށާއި އެކަން ކުރުމަށްވެސް މިނިސްޓްރީން ހުއްދަދިނީ ހުޅުވަން ހަފްތާއަކަށްވީފަހުން ބުނެ އެސްޖޭ ގުރޫޕުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ކޮންޓްރެކްޓަރަކީ އަމިއްލައަށް ޑިޒަނާއި މެޓީރިއަލަށް ބަދަލު ގެނެވޭނެ ފަރާތެއްނޫން ކަން ފާހަގަކޮށް އެސްޖޭ ގުރޫޕުން ބުނީ ދަރުމަވަންތަ ސްކޫލުގައި ބޭނުންކޮށްފައިވާ ހުރިހާ މެޓީރިއަލަކީ ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަނާއި އެއްގޮތަށް ފާސްކޮށްފައިވާ މެޓީރިއަލްތަކެއް ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެމަސައްކަތް އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި ނަމަވެސް އެ މަސައްކަތް މަޑުޖެހިގެން ދިޔައީ އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަކާއި ރީޑިޒައިނިން ދިގުލައިގެން ދިއުމާއި ކޮވިޑް-19ގެ ސަބަބުން ކަމަށް ބުނެއެވެ.

އެ ސުކޫލް ޑިޒައިން ކޮށްފައި ވަނީ 1000 ދަރިވަރުންނަށް ކިޔެވޭގޮތަށް 41 ކްލާސްރޫމް ހިމަނައިގެންނެވެ. އަދި ކޮންމެ ކުލާހެއްގައި ވެސް ގިނަވެގެން 25 ދަރިވަރުން ތިބޭ ގޮތަށެވެ. 74.9 މިލިއަން ރުފިޔާއަށް އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް އެ ސްކޫލް އިމާރާތް ކުރާ ގޮތަށް އެއްބަސްވި ނަމަވެސް އްދަތަށް މަސައްކަތް ނުނިމުމުން އެއްބަސްވުން އިތުރުކޮށް، އިތުރު 20 މިލިއަން ރުފިޔާއާ އެކު، 94 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައި ވެއެވެ.