ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ބަހައްޓާފައި ހުރި މައިކަށް ގެއްލުން ދިނުމުން، އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އަށް ހުށަހަޅުއްވާނެ ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވައި ދުވަހުގެ މަސައްކަތްތަކައިގެން ކުރިއަށް ވަޑައިގަތުމުގެ ކުރިން އަސްލަމް ވިދާޅުވީ، އިއްޔެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު ޖާބިރު ވަނީ މަޖިލިސްކުރާ މާލަމުގައި ހުންނަ އޭނާގެ މޭޒުގައި ބަހައްޓާފައި ހުރި މައިކަށް ގެއްލުން ދީފައިވާ ކަމަށާއި، މައިކު ބަދަލުކުރުމަށް 5،100 ރުފިޔާ ހަރަދުވާނެ ކަމަށް އިދާރާ އިން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ޖާބިރުގެ މައްސަލަ މަޖިލީހުގެ ސުލޫކު ކޮމިޓީ އަށް ފޮނުއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއީ 19 ވަނަ މަޖިލީހުގެ ރިޔާސަތުން މިގޮތަށް ސުލޫކު ކޮމިޓީ އަށް މައްސަލަ ހުށަހަޅާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މެންބަރުން މަޖިލީހުގެ ގަވައިދާއި ސުލޫކީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރި ނަމަވެސް، މަޖިލީހުގެ ސުލޫކު ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައެއް ނުވެއެވެ.

މަޖިލީހުގެ މެންބަރުން ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއްކޮށްފި ނަމަ، ނުވަތަ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކޮށްފި ނަމަ، އެކަމެއް ކުރި މެންބަރަކާ މެދު އަޅަންވީ ފިޔަވަޅަކާ މެދު ސުލޫކު ކޮމިޓީގެ ލަފާ، ރިޔާސަތަށް ހޯދޭނެއެވެ.

"އިއްޒަތްތެރި މެންބަރުން، މަޖިލީހުގެ މާލަމުގަ އާއި މަޖިލިސް ތެރޭގައި ހިމެނޭ އެންމެހާ މުދަލާއި ތަކެއްޗަކީ ދައުލަތުގެ މުދަލާއި ތަކެތި ކަމުގައި ވާތީ އެ ތަކެއްޗަށް ގެއްލުންވާނެ ފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކޮށް ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.