އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މިދިޔަ ހުކުރު ދުވަހު ރޭ ހިންގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަފުގެ ވަގުތެއްގައި އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިމަހު 2 ވަނަ ދުވަހު ފުލުހުން ވަނީ 4 މީހުން ހައްޔަރުކޮށފައެވެ. ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ.

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނަކަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމުތަކެއް ފޮނުވަމުން ދާ ކަމަށް ފުލުސް އޮފީހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.