މާލެ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލްތައް ހިންގުމަށް "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު" އުފައްދާ އެ ބޯޑަށް މެންބަރުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ފޮނުއްވި ސިޓީގައި ވިދާޅުވީ، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގުން ހަރުދަނާކުރަން އުފައްދާފައިވާ ބޯޑު ގެ ނަން، "މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސް" އިން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑު"ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ.

ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ މަޝްހޫރު އެތެރެ ހަށީގެ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް ޔޫސުފް އެވެ. ވައިސް ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ގދ. ތިނަދޫ، ކުންނާރުގެ، ހުސައިން ހަލީމެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގައި ހިމެނޭ ބޭފުޅުން:

  • ޑރ. އިބްރާހިމް ޔާސިރު އަހްމަދު، މއ. ވެނީލާގެ – ސިއްހީ ދާއިރާގެ ޑޮކްޓަރެއް
  • ނަޔާޒު އަހްމަދު، ޅ. ހިންނަވަރު، ނޯތުވޭ – ޕްރައިމަރީ ހެލްތު ކެއާގެ ދާއިރާ ތަޖުރިބާކާރެއް
  • ޑރ. މަރިޔަމް ޖެނީފާ ސ. ފޭދޫ، އޭޑީރީޑް – ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިކާބާރެއް
  • ޝަރީފާ އާދަމް މަނިކު، ހ. އޮށްކަފަގެ – ސިއްހީ ދާއިރާގެ ފަންނީ ތަޖުރިބާކާރެއް
  • ފާތިމަތު އާފިޔާ ވަހީދު، ދަފްތަރު، 13524 – ނާސިންގެ ދާއިރާ
  • މޫސާ ކަލީމް ގާސިމް، އދ. މަހިބަދޫ، ރިހާޞު – ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް
  • އާލިމް ޝަކީލް، އއ. ފެރިދޫ، ސިޔާމާ މަންޒިލް – ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް