ލ. ކައްދޫ އެއާޕޯޓު އޮޕަރޭޓު ކުރާ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑު އުފެދުނީއްސުރެ މިއަދާ ހަމައަށް އެ ކުންފުންޏަށް 221 މިލިއަން ރުފިޔާ ގެއްލުން ލިބިފައި ވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ކައްދޫ އެއާޕޯޓު ކޮންޕެނީ ލިމިޓެޑް ފައިނޭންޝަލް އިއާ ރިޕޯޓުގައި ހާމަކުރާގޮތުގައި ކައްދޫ އެއާޕޯޓަށް އާމްދަނީ ހޯދަނީ މައިގަނޑު ތިން ގޮތަކުންނެވެ. އެއީ އެއޮރޯނިޓަކަލް އޮޕަރޭޝަންތަކާއި، ކޮމާޝަލް އޮޕަރޭޝަންތަކުގެ އިތުރުން ހަރުމުދާ ކުއްޔަށް ދީގެންނެވެ.

ކައްދޫ އެއާޕޯޓަށް ލިބެންވާ އާމްދަނީއަށްވުރެ ބޮޑު އަދަދެއް އެއާޕޯޓުގެ ހަރުމުދަލުގެ ހަރަދުތަކަށް ގޮސްފައިވާއިރު ކައްދޫ އެއާޕޯޓުގެ ކުންފުންޏަށް 2020 ވަނަ އަހަރު އާމްދަނީ ގޮތުގައި އެންމެ 6.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ދަށްކައެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ދެބައިކުޅަ އެއްބައި ދަށް އަދަދެކެވެ. އާމްދަނީ އަށް ގެއްލުން ލިބުނު ސަބަބެއްގެ ގޮތުން ފާހަގަކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ދުނިޔެއަށް ފެތުރެން ފެށި ކޮވިޑް-19އެވެ.

2019 ވަނަ އަހަރު 27.2 މިލިއަން ރުފިޔާ ހަރަދުވީއިރު، 2020 ގައި ކުންފުނީގެ ހިންގަން 25.2 މިލިއަން ރުފިޔާ ހަރަދުކޮށްފަިއވެއެވެ. އޭގެ އިތުރުން އެއާޕޯޓުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އާމްދަނީގެ 84 ޕަސެންޓ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކައްދޫ އެއާޕޯޓު ކުންފުންޏަށް ގެއްލުން ލިބިފައިވާއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާތަކެއް ހުރިކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކައްދޫ އެއާޕޯޓު ކުންފުންޏަށް މިހާތަނަށް 36.5 މިލިއަން ރުފިޔާ ލިބެންޖެއެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ އެކުންފުންޏަށް ދައްކަންޖެހެނީ އައިލެންޑް އޭވިއޭޝަނުންނެވެ.