ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމަންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތު ކުރާ އެ ކުންފުނީގެ ދިވެހި ހިއްސާދާރު، ހަސަން މަމްދޫހު (މަންޑޭ) ގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ބެލައިގަނެވެން ނެތް ކަމަށް ހައިކޯޓުން ނިންމާފައިވަނީ މަމްދޫހު ހުށަހެޅި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާގައި އެއްވެސް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާދީފައެއް ނުވާތީއާއި ދެވަނަ ނުކުތާގައި މަންޑޭގެ ފަރާތުން ފާހަގަކޮށްފައިވަނީ ސްޕްރީމް ކޯޓު ގަޒިއްޔާއެއް ނަމަވެސް އިސްތިއުނާފު ކުރެވޭ އަމުރަކީ މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އަމުރަކަށްވާތީ އެ އަމުރު ސްޕްރީމް ކޯޓުގެ ގަޒިއްޔާ ތަތުބީގުކުރެވޭ ގޮތެއް ސާފުކޮށްދީފައި ނުވާތީ ކަމަށް ބުނެއެވެ.

ދާދިފަހުން ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިހާތަނަށް އެ މައްސަލާގައި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގާތްގަނޑަކަށް 225 ދައުވާ މަންޑޭގެ މައްޗަށް އަންނާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ ކޭޕާކު ރެސިޑެންސްގެ އެޕާޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައި އެބަހުރި ކަމަށާއި އެގޮތުން 41 އެއް އެޕާޓްމަންޓް 107 މީހުންނަށް ވިއްކާފައިވާ ކަމަށެވެ. އަދި އެއް އެޕާޓްމަންޓެއް 7 މީހަކަށްވެސް ވިއްކާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލާގައި އެފްޑަބްލިޔުގެ ޕެންޓް ހައުސްއެއް އެއް އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއިއެއީ މަނީލޯންޑްރިންގެ ފައިސާއިން ގަނެފައިވާ އެޕާޓްމެންޓެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފެންނަން ހުރި ލިޔުންތަކުން ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހުންނަށް ވިއްކާފައި ލިބުނު ފައިސާއިން ޕެންޓް ހައުސްގަނެފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އޭރު އެ އެޕާޓްމެންޓުގެ އަގަކީ 7.8 މިލިއަން ރުފިޔާ ކަމަށާއި އެ އެޕާޓްމެންޓު ބަލާ ފާސްކުރި އެތަނުގައި ހުރި މުދަލުގެ އަގު ގާތްގަނޑަކަށް 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އެތަނުގައި ނުކަނޑާހުރި 200 ވަރަކަށް ސެންޓް ފުޅިއާއި 90،000 ރުފިޔާގެ ލަގްޒަރީ އަތް ދަބަހާއި 10،000 އާއި 25،000 ޑޮލަރުގެ ގަހަނާ ހުރިއިރު އެތަނުން ފެނުނު ތަކެތީގެ އަގު 7 މިލިއަނަށް އަރާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެތަނުގައި ހުރި މުދަލާ އެ އެޕާޓްމަންޓް ގަންނަން ހޭދަކުރި ފައިސާ ބަލާއިރު ދައުލަތުގެ ބައެއް އިދާރާތަކުގެ އަހަރެއްގެ ބަޖެޓަށްވުރެ ބޮޑު ކަަމަށެވެ.

ކޭޕާކް ފްލެޓްތަކުގެ މަޝްރޫއު ހިންގަން އާބަންކޯ އިން ހަންބޯ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދާފައި ވަނީ އޮކްޓޯބަރު 9، 2016 ގައެވެ. އަދި މަސައްކަތްތައް ފަށާފައި ވަނީ 2017 ގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ އެއްބަސްވުން އުވާލީ ކަމަށް، ހަންބޯ އިން ބުނެފައި ވެއެވެ.