މުވައްޒަފުންގެ ކަންބޮޑުވުން ހުރުމުން މާދަމާ އިން ފެށިގެން އަށް ގަޑިއިރަށް ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ގޮތަށް ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލައިފިއެވެ.

މިދިޔަ ބުދަ ދުވަހު ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ފޮނުއްވި އިންޓާނަލް މެމޯއެއްގައި ވަނީ، އާ 'ޕޭ ފްރޭމްވޯކަށް' ބަދަލުވި ހުރިހާ މުވައްޒަފުން ވެސް މިއަދުން ފެށިގެން މަސައްކަތްކުރާނީ ހެނދުނު 8 އިން ހަވީރު 4 އަށް ކަމަށް ކަނޑައަޅައިފައެވެ.

ސަރުކާރު ރަސްމީކޮށް ހުޅުވާފައި ހުންނާނީ ހެނދުނު 8 އިން މެންދުރު 2 ޖެހުމާ ހަމައަށެވެ. އެހެންވެ ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ މެދުގައި ކަންބޮޑުވުން އުފެދި މައްސަލަ ހޫނުވުމުން އެ މިނިސްޓްރީން ފޮނުވި އެހެން މެމޯއެއްގައި އެކަން ފާހަގަކުރުމަށް ފަހު ވަނީ، މި ކަމުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ވަގުތު ބޭނުންވާތީ ވަކި ގޮތެއް އަންގަންދެން މީގެ ކުރިން ވެސް އަމަލުކުރަމުންދާ ގޮތަށް މަސައްކަތްކުރުމަށް އަންގައިފައެވެ.

ފަންނީ މުވައްޒަފުންގެ ރަސްމީ ގަޑި އިތުރުކުރުން މަޑުޖައްސާލަން ހެލްތު މިނިސްޓްރީން ނިންމީ، ބައެއް މުވައްޒަފުން އެކަމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމުންނެވެ.

މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން ހިމެނޭ ހެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ.