'ދަ ޑިމޮކްރެޓްސް' ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

މިއަދު ހެނދުނު 10:00 އިން ފެށިގެން މިއަދު ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވޯޓުލުން ވަނީ ފަށާފައެވެ. މި އިންތިހާބު ކުރިއަށް ދާނެ ގޮތާ ބެހޭ ގޮތުން ޑިމޮކްރެޓްސް އިން ބުނީ ވަގުތުގެ ކުރިން ވޯޓްލާ ނިމުނުކަމުގައިވިޔަސް، ވޯޓް ފޮށި ހުޅުވާ ގުނަން ފަށާނީ 16:00 ގެ ފަހުންކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ 23 މަގާމަކަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީގެ ޗެއާމަންކަމުގެ މަގާމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ގެ އިތުރުން ހަސަން ލަތީފު ވާދަކުރައްވައެވެ.

މީގެ އިތުރުން ސިޓީ އަދި އަތޮޅާއި ރަށްތަކުގެ އިސް މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ އެތެރޭގެ އިންތިހާބަށްވެސް ވަރަށް ފޯރިގަދަ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު އެ ޕާޓީގެ 5834 މީހުންނަށް ލިބިގެންވެއެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.