ދުބާއީގައި ކުރިއަށް ދާ ކޮޕް28 ސަމިޓަށް ވަޑައިގެން އުޅުއްވަނިކޮށް އިންޑިއާގެ ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޯދައިގެން ފަހަތްޕުޅުން ގޮސް، އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރާ މައްސަލައިގައި ސުވާލުކޮށްފިއެވެ.

އެސުވާލަށް މުއިއްޒު ޖަވާބެއް ދެއްވާފައި ނުވާ އިރު، ހަމައެކަނި ވިދާޅުވީ، 'ވީ ހޭވް ވެރީ ގްޑް ރިލޭޝަންޝިޕް ވިތް އިންޑިއާ' [ރާއްޖެއާއި އިންޑިއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް] ކަމަށެވެ.

އޭގެ ފަހުން މުއިއްޒު ވަނީ އެ ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލު ވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، އިގްތިސޯދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުގެ އޮފިޝަލުން ހިމެނޭ ކޯ ގްރޫޕެއް އުފެއްދެވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް މުއިއްޒާއި އަދި މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް / ޕީއެންސީން ނިމިދިޔަ ސަރުކާރާ ދެކޮޅަށް ރައްޔިތުން އެއްބައިވަންތަ ކުރަން އެންމެ ބޮޑަށް ދެއްކި އެއްވާހަކަ އަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާނެ ވާހަކަ އާއި، އިންޑިއާ ސިފައިންގެ އެންމެ ބޫޓު ކިބައެއްވެސް މި ފަސްގަނޑުގައި ]ރާއްޖޭގައި[ ހުރުމަށް ނޭދޭ ކަމުގެ ވާހަކައެވެ. އަދި ހުރިހާ ސިފައިން ބާލާނެ ކަމަށާއި އެއީ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ބާލަން ރަސްމީކޮށް އިންޑިއާގައި ދަންނަވާނެ ކަމަށް ވިދާޅުވެ، މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިން އައި އިންތިގާލީ މަރުހަލާގައި އިންޑިއާގެ ހައިކޮމިޝަނަރާއި އަދި ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ އާތް މިނިސްޓަރު އަރިހުގައި މުއިއްޒު އެވާހަކަ ދެންނެވިއެވެ.

ނަމަވެސް ރަސްމީ ސިފައެއްގައި [ސިޓީއެއްގެ ޒަރީއާއިން] އެވާހަކަ އިންޑިއާ ސަރުކާރުގައި ދެންނެވިކަން ރައީސް އޮފީހުން ހާމަ ކޮށްފައި ނުވާ އިރު، މިފަހަރު ކޮޕް ސައިމިޓުގައި ސީދާ އިންޑިއާގެ ބޮޑުވާޒީރާ ބައްދަލުމުން އެވާހަކަ ދަންނަވާފައެއް ނުވެއެވެ.

ނިމިދިޔަ ސަރުކާރަކީ އިންޑިއާ އާ ހާއްސަ ގާތް ގުޅުމެއް އުފެއްދި ސަރުކާރެއް ކަމަށް ވާއިރު، އޭގެ ކުރިން އޮތް ސަރުކާރުތަކުން ފެށިގެން ނިމިދިޔަ ސަރުކާރާއެކު ރާއްޖޭގައި އިންޑިއާގެ 75 ސިފައިން ތިބިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. އަދި އެއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައި ވާ 2 ހެލިކޮޕްޓަރާއި ޑޮނިއާ މަތިންދާބޯޓު ދުއްވުމަށާއި އޭގެ ޓެކްނިކަލް މަސައްކަތްތަކަށް ތިބި ބައެއް ކަމަށް ބުންޏެވެ.

ޑރ. މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެން ހާމަ ކުރެއްވި އަދަދަކީ 77 އެވެ. ބުނެފައި ވަނީ ކުރިންވެސް ބުނިހެން އެމީހުން ތިބީ ހެލިކޮޕްޓަރާއި ޑޯނިއާގެ ކަންކަމުގައި ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ އެތަން މިތަނުގައި އިންޑިއާގެ 2000 އެއްހާ ސިފައިން ތިބިކަމަށް މިސަރުކާރުގެ ހަބަރުފަތުރާ ވަސީލަތްތަކުން އޭރު ބުނަމުން ގެންގޮސްފައި ވެއެވެ.

އިންޑިއާ ސިފައިން ބޭލުމާއި، އިންޑިއާ އާއެކު ކުރީ ސަރުކާރުން ހަދާފައި ވާ އެއްބަސްވުންތައް މުރާޖައާ ކުރުމުގެ ވާހަކަ އަކީ ހިނގަމުންދާ ސަރުކާރުން ކުރާނެ ކަމަށް ބުނެ ދައްކާފައި ހުރި ވާހަކަތަކެވެ.