ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފާހަގަކުރުމަށް މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްއިން ހުޅުވާލައިފިއެވެ.

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުކަމަށްވާއިރު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިއަހަރު ބޭނުންކުރާ ލޯގޯއެއް ފަރުމާކޮށްގެން، ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާކަަމަށެވެ. އެގޮތުން އެންމެ މޮޅު ލޯގޯ ފަރުމާކުރާ ފަރާތަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު މި އިނާމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމަށްފަހު ޖޫން 15، 2025 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިން ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މި ލޯގޯ ފަރުމާކުރުމަށް ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާ، ކްލަބް، ޖަމްއިއްޔާ، ޖަމާއަތްތަކާއި އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލޯގޯ ތައްޔާރުކޮށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އިތުރަށް މިނިސްޓްރީން ބުނީ ލޯގޯގެ ފަރުމާތަކަށް އިންސާފުކޮށް ލޯގޯ ހޮވާނީ އެ މިނިސްޓްރީން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއ،ި ދިވެހިބަހާއ،ި ސަގާފަތާއ،ި ދިވެހި ތަރިކަ ރަމްޒުކޮށްދިނުމާއ،ި ދިވެހިވަންތަކަމާއި ދިވެހިބިމުގައި ދިވެހީންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދިނުމަށް ބަލަންޖެހޭނެކަމަށެވެ. އަދި ދިވެހި ދައުލަތުގެ އެވޭލާކަމާއ،ި މިނިވަންކަމުގެ 60 އަހަރު ރަމްޒުކޮށްދިނުމާއ،ި ކުރިމަގުގައި މިނިވަންކަމުގައިދެމިތިބުމަށްކުރާ އުންމީދުތައް ރަމްޒުކޮށްދިނުމުގެ އިތުރުން މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ގައުމު ހޯދި ކުރިއެރުމާއ،ި ކުރިއަށްއޮތް ތަނުގައި ހޯދުމަށް އުންމީދުކުރާކުރިއެރުން ރަމްޒުކޮށް ދޭން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ލޯޯގޯ ފަރުމާކުރުމުގައި ބޭނުންކުރެވޭ ކުލަތަކަކީ ގައުމީ ކުލަތައް ކަމަށްވެފައި އިތުރުކުލައެއް ބޭނުންކުރާނަމަ ދިވެހި ކަނޑާއ،ި ރާއްޖޭ ގެ މާހައުލު ރަމްޒުކުރާ ކުލައެއް ކަމުގައި ވާ ނޫކުލަ ބޭނުންކުރުން ވާނެކަމަށެވެ. އަދި މި ލޯގޯ އަކީ މުނާސަބަތާއި ގުޅިގެން އެކިކަންކަމުގައި ބެޖުގެ ގޮތުގައި، އަދި ސްޓިކާގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވުމާ އެކު ބެނާ އާއި ޗާޕުކުރެވޭ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއެއްކަމަށް ވުމުގެ އިތުރުން ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއެއްކަމަށްވުމާއި އިލެކްޓްރޯނިކް މީޑިއާ، އެނިމޭޝަން އަދި ވީޑިއޯތަކުގައި ބޭނުންކުރެވޭފަދަ އެއްޗަކަށްވާން ޖެހޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ބުނީ މިނިވަން 60 އަށް ހުށަހަޅާ ލޯގޯ އަކީ މީގެކުރިން އެއްވެސް މާހައުލެއްގައި ނުވަތަ މުބާރާތެއްގައިވެސް ބޭނުންކޮށްފައިވާ ނުވަތަ ޝާއިއުކޮށްފައިވާ ލޯގޯއެއްކަމަށް ވެގެން ނުވާނެކަމަށެވެ.