މާލޭގައި ހަނި ގޯޅިތަކުގައި ދަތިކޮށް ހަދާފައި ހުންނަ ގޯތިތައް ލާ ޖައްސާ އުސޫލުން ސަރުކާރަށް ދޫކުރާ މީހުންނަށް މާލޭގެ ސަރަހައްދުތަކުން ހިލޭ ގޯތި ދިނުމުގެ މަޝްރޫއު މި އަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގެ ހަނި ގޯޅިތަކުގެ ތެރޭ ކަނަކަށް ވާ ގޮތަށް ގިނަ ގޯތިތައް އެބަހުރި ކަމަށާއި، އެފަދަ ގޯތިތައް ހުންނަ ގޮތުން އެ ގޯތިތަކުގައި ގެތައް އިމާރާތްކުރަން ބޭނުންވާ މީހުންނަށް ގެތައް އިމާރާތްކުރުމަށް ލޯނު ލިބުމުގައި ދަތިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ލާ ޖައްާ އުސޫލުން މާލޭން ބިން ދީ އެ ތަންތަން ދައުލަތަށް ނަގައި ލޯނު ލިބޭނެގޮތް، ނުވަތަ ލާ ޖައްސާފަ މާލޭގެ އެހެން ސަރަހައްދަކުން ހިލޭ ގޯތި ދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.
އެ ވައުދާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން ވަރަށް އަވަހަށް ފަށައި އިއުލާނުކުރާނެ ކަމަށެވެ. އަދި ލާ ޖައްސާ އުސޫލުން އެފަދަ ގޯތިތައް ދޫކުރާ ފަރާތްތަކަށް އުތުރުތިލަފަޅާއި ގުޅީފަޅާއި ގިރާވަރާއި މިހާރު ހިއްކަމުންދާ ރަސްމާލޭން ގޯތި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެފަދަ ގޯތިތައް ދައުލަތަށް ނެގުމަށް ފަހު ސަރުކާރުން މަސައްކަތްކުރާނީ ހިތްގައިމު ތަނަކަށް މާލެ ހަދައި މީހުންނަށް ފަސޭހަކަމާ އެކު އުޅެވޭ ގޮތް ހެދުމަށް ކަމަށެވެ. އަދި މި މަޝްރޫއު މި އަހަރުގެ ތެރޭ ކުރިއަށް ގެންގޮސް، ގޯތިތައް ދޫކުރާނެ ތަން ކަނޑައަޅުއްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ.