މެނިންގޯކޮކަލް ބަލީގައި ރާއްޖެއިން ޒުވާނަކު ނިޔާވުމާ ގުޅިގެން ހެދި ކޮންޓެކްޓް ޓްރޭސިންގައި، އެ ބަލި ޖެހިފައިވާ އިތުރު މީހަކު ރާއްޖެއިން ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި މަހުގެ 7 ގައި އެ ބަލީގައި އުމުރުން 24 އަހަރުގެ ޒުވާނަކު ނިޔާވެފައިވާއިރު، އޭނާ ނިޔާވީ މެލޭޝިއާ އަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި ތަނާއެވެ. އެ ޒުވާނާ ނިޔާވުމާއި ގުޅިގެން އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާއިރު މަރުވި ޒުވާނާއާ ކޮންޓެކްޓްވި އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ބަލި ޖެހިފައިވާ އިތުރު މީހަކު ވެސް ފެނިފައިނުވާ ކަމަށް އެ އެޖެންސީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިބަލީގެ ފެނިފައިވާ މަދު ކޭސްތަކަކީ އާއްމުގޮތެއްގައި ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިފައިވާ ފަރާތްތަކެއްކަމަށް އެޗްޕިއޭއިން ވަނީ ބުނެފައެވެ.

މެނިންގޯކޯކަލް ޑިޒީޒްއަކީ ބެކްޓީރިއާއަކުން ޖެހޭ، ސިރިއަސް ބައްޔެކެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، އަދި ބޮލުގައި ރިއްސުން ހިމެނެއެވެ. މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން ހިމެނެއެވެ.