މާލޭ ރޯމަސްމާރުކޭޓު ހިންގާ އިމާރާތުގެ އެކި ފަންގިފިލާތަކުގައި ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާ، ގުދަންތަކާ، އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ތަންތަނުގެ ތެރެއިން، ކައުންސިލުން އެންގުން ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން މިފަދަ ތަންތަން ހިންގަމުންދަނީ ނުވަތަ ބޭނުން ކުރަމުން ދަނީ އެއްބަސްވުމެއްގެ ދަށުން ކަމުގައި ވާނަމަ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެފަދަ އެއްބަސްވުންތައް، ކައުންސިލަށް ލިޔުމަކާއި އެކު ހުށައެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ހަތް ދުވަހުގެ ތެރޭގައި، އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ އެފަދަ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެފަދަ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެކަމަށެވެ. އަދި ފިހާރަތަކާ، ގުދަންތަކާ، އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ، ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.