ކާކު ކަން ނޭގޭ ގޮތަށް އެކްސްގައި ހިންގާ "ހަސަން ކުރުސީ" އެކައުންޓު ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަމަށް ރަޝީޔާއިން ބުނެފިއެވެ.

ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ކޮމްޕިއުޓަރު ޗިޕު އެތެރެކުރާ ކަމަށް ބުނެ، ކުރުސީ އެކައުންޓުން އިއްޔެ ކުރި ޕޯސްޓަކާ ގުޅިގެން ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ލިވަން ޖަރުކަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރުސީ އެކައުންޓު ހިންގާ މީހަކީ ކާކުކަން ރަޝިޔާ އަދި ރަޝިޔާގެ ވެރިންނަށް ވަރަށް ސާފުކޮށް އެނގޭކަމަށެވެ. މި އެކައުންޓު ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަން ރަޝިޔާގެ ލީޑާޝިޕަށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ރަޝިޔާ އަދި ރާއްޖޭގެ ގުޅުމަށް ހީނަރުކަން ގެނައުމަށްކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށް ލިވަން ޖަރުކަ ވަނީ މި ތުހުމަތުތަކާއި ގުޅިގެން އެމެރިކާގެ ކަމާއި ގުޅޭ އިދާރާތަކުން، ރާއްޖެއިން ރަޝިޔާއަށް އެތެރެކޮށްފައިވާ ތަކެތީގެ ތަފްސީލު ބެލުމަށް އެދިފައެވެ. އަދި ހަސަން ކުރުސީގެ ތުހުމަތުތައް ދޮގުކޮށް އޭނާ ވިދާޅުވީ ރަޝިޔާއާއި އެމެރިކާއާ ދެމެދު މިހާރު ކުރެވުމުންދާ މަޝްވަރާތަކަށް ބުރުއެރުވުމަށް މަސައްކަތްކުރަމުން ދާ 'މާސްޓާ މައިންޑަ'ކީ ކާކު ކަން ވަރަށް ރަނގަޅަށް އެގޭކަމަށެވެ.

މީގެ އިތުރުން ލިވަން ޖަރުކަ ވަނީ ރާއްޖެއާއި ރަޝިޔާއާއި ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރާފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ މަލީހާލަތު ރަނގަޅު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކޮށް ލިވަން ޖަރުކަ ވިދާޅުވީ، ރާއްޖެއަކީ ރަޝިޔާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަމަށް އެންމެ އިސްކަންދޭ އެއް މަންޒިލްކަމަށެވެ. އަދި ރާއްޖޭގެ ކުރީގެ ސިޔާސީ ފަރާތެއްގެ މިފަދަ އަމަލެއްގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ނުދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރުސީ އެކައުންޓު ހިންގަނީ ކާކުކަން ހޯދުމަށް ދިވެހި ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވެސް މީގެ ކުރިން އަމުރެއް ނެރެފައިވާއިރު އަދި މިހާތަނަށް އެއީ ކާކުކަން ހޯދިފައެއް ނުވެއެވެ.