ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ހުނަވަރު ޕްރޮގްރާމްގެ ފުރަތަމަ ބެޗް ނިންމާލައިފިއެވެ.

އެ 2 ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމަށް ރޭ ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުތައް ފުރިހަމަކުރި ޖުމްލަ 54 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވަނީ އެމްއޭސީއެލްއިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމްއޭސީއެލް ފަދަ ގިނަ ދާއިރާތަކަށް މީހުން ބޭނުންވާ ކުންފުންޏަކަށް މީހުން ބިނާކުރުމުގެ މިފަދަ ޕްރޮގްރާމުތަކަކީ މުހިންމު ޕްރޮގްރާމުތަކެއް ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ގައުމު ބިނާކުރުމުގައި މީހުން ތަމްރީނުކުރުމަށް އެމްއޭސީއެލް އިން ގިނަ ދާއިރާތަކުން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގެ އާ ބެޗް ފެށޭ ހަފުތާތެރޭ އިއުލާންކޮށް މި ފަހަރަށްވުރެ ގިނަ ފުރުސަތު ހުޅުވާލާނެ ކަމަށް ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމަކީ އެމްއޭސީއެލްއިން އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ. އެގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން, ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ "ދާލަން" އެކްސްޕޯގެ ތެރެއިން އެމްއޭސީއެލްގެ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވި 25 ޒުވާނަކަށް ހިންގި 6 މަހުގެ ތަމްރީން ޕްރޮގްރާމަކަށްފަހު އޭގެ ތެރެއިން 17 ފަރާތަކަށް ވަނީ އެމްއޭސީއެލްއިން ވަޒީފާ ދީފައެވެ.

އެމްއޭސީއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި އެ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ތައުލީމު ފޯރުކޮށްދޭ ފަރާތްތައް ގުޅުވާލުމަށް ޔޫތު މިނިސްޓްރީ އަދި އިންފޮމޭޝަން އެންޑް އާޓްސް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެމްއޭސީއެލްއިން މި ޕްރޮގްރާމުގައި ބައިވެރިވެ، އެމްއޭސީއެލްގެ ވަޒީފާގެ މާހައުލުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ, ނަމަވެސް ސަނަދެއް ނެތް 34 މުވައްޒަފަކު މި ޕްރޮގްރާމްގެ ތެރެއިން ގައުމީ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލުކޮށްފައިވާ ކަން އެމްއޭސީއެލްއިން ފާހަގަކުރެއެވެ.