ޔޫކްރައިނަށް ނޭޓޯގެ މެންބަރުކަން ދޭން އުޅޭ ކަމަށް ބުނެ ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ފެށި ހަނގުރާމަ އެއްކޮށް ހުއްޓާލަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ދެކޮޅު ހައްދަވައިފިއެވެ.
ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ކުރަމުން ދާ ހަނގުރާމަ ހުއްޓުވުމުގެ ނަމުގައި އެމެރިކާއިން އެ ދެފަރާތާއެކު މަޝްވަރާ ކުރަމުން ދާ އިރު، އިއްޔެ ޕުޓިން އާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބޭއްވެވި ވާހަކަތަކުގައި ހަނގުރާމަ އެއްކޮށް ހުއްޓާލައި ސުލްހަ ވުމަށް ރަޝިއާއިން ދެކޮޅު ހަދާފައި ވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ނަމަވެސް ޔޫކްރައިންގެ ހަކަތައިގެ ވިއުގައަށް ދޭ ހަމަލާތައް މަޑުޖައްސާލަން ޕުޓިން އެއްބަސްވެވަޑައިގެންނެވި ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
އެމެރިކާއިން ރަޝިއާ އަށް ހުށަހަޅަނީ ފުރަތަމަ 30 ދުވަހަށް ހަމަލާތައް ހުއްޓާލުމަށެވެ. އެއީ ސައުދީ މެދުވެރިކޮށް އެމެރިކާއިން ޔޫކްރައިން އާ އެކު ބޭއްވި މަޝްވަރާތަކުގައި ޔޫކްރައިން އިން އެއްބަސްވެފައި ވާ ހުށަހެޅުމެކެވެ.
ހަމަލާތައް މެދުކަނޑާލައި އަދި އެއްކޮށް ހުއްޓާލުމާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ، އެކަން ކުރެވޭނީ، އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމާއެކު ޔޫކްރައިން އަށް ފޯރުކޮށްދޭ ބޭރުގެ އަސްކަރީ އެހީ ހުއްޓާލުމުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ މިހާރުވެސް ހުޅަނގާއި އެމެރިކާއިން ޔޫކްރައިން އަށް ފޯރުކޮށްދޭ ހިދުމަތްތަކާއި އާލާތްތަކަށެވެ.
ޓްރަމްޕާއި ޕުޓިންގެ މި މަޝްވަރާތަކަށް އެމެރިކާގެ މަންދޫމުން އަންނަ ހަފްތާގެ އާދީއްތަ ދުވަހު ސައުދީގެ ޖިއްދާގައި ޔޫކްރައިން އާ މަޝްވަރާ ކުރާނެއެވެ.
3 އަހަރުވެގެން ދިޔަ ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ފަށާފައި ވާ މަސައްކަތުގައި އެގައުމުން ޔޫކްރައިން އަށް ފޯރުކޮށްދޭ އިންޓެލިޖެންސް އާއި އަސްކަރީ އެހީ މަޑުޖައްސާލި މި ދަނޑިވަޅުގައި ރަޝިއާއިން ވަނީ، މީގެ 6 މަސް ކުރިން ޔޫކްރައިން އިން ހިފި ރަޝިއާގެ ކާސްކް ސަރަހައްދު އަނބުރާ އަތުލާފައެވެ. އަދި އެހެން ބައެއް ކުދި އަވަށްތައް ވެސް ހިފާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.