ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ފަންޑް ރައިޒިން ހަރަކާތެއް މިއަދު ބާއްވަން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އާބަންކޯއިން ބުނީ އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް އިވެންޓެއް މިއަދު ރުއްގަނޑު ދޭއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހަރަކާތްކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް އާބަންކޯއިން ބުނެއެވެ.

ފުރަތަމަ ދަންފަޅި ހަވީރު 4 އިން އިރުއޮއްސި 6 ޖަހަންދެން ކުރިއަށްގެންދަން ނިންމާފައިވާއިރު ދެވަނަ ދަންފަޅި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ރޭގަނޑު 8 އިން 10 ޖެހުމުގެ ނިޔަލަށް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި އެ ހަރަކާތުގައި ފަންޑްރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މިއަދު ކުރިއަށް ގެންދާ އެ ހަރަކާތުގައި މައްރިބް ނަމާދު ވަގުތު ޖެހުމުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުއާއެއް ކުރުމަށް ހަމަޖެހިގެންފައިވާ ކަމަށެެވެ. އަދި އެ ހަރަކާތް ނިންމާލަމުން އައިއޭސީއަށް ޗެކް ހަވާލުކުރެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި މިއަދު ބާއްވާ ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ.