ކަންބޮޑުވުމާއެކު މަސްވެރިއަކު ހިއްސާކުރި ސިޓީއަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ މަސްވެރިޔާއަށް ގުޅުއްވައިފިއެވެ.
މަސްވެރިއަކު ޝިޔާމަށް އެޑްރެސްކޮށް ފިލައެއްގައި ލިިޔުނު ސިޓީގައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ޝިޔާމް ދެއްކެވި ވާހަކަތައް ހަނދުމަނެތީ ތޯ އަހާފައެވެ. އަދި މަސްވެރިން ތިބީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކޮށް އެ ސިޓީގައި ވަނީ ކުދިންގެ ޓިއުޝަން ފީއާއި އިންޓަވަލްއާއި ގުރުއާން ކްލާސް ފީ އަދި ގޭގެ ކަރަންޓް ބިލާއި ފޯނު ބިލުވެސް ނުދެއްކޭ ހާލަތުގައި ތިބި ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން ޝިޔާމް ވަނީ އެ ސިޓީ ލިޔުނު މީހާއަށް އެޑްރެސްކޮށް އެކްސްގައި ލިޔުއްވާފައެވެ. އެގޮތުން ޖިނާހް (ޖިނާއްޕެ) އަށް ލިޔުއްވި ލިޔުއްވުމުގައި ޝިޔާމް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސް ވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކުރައްވާ އެތައް މަސްވެރިއެއްގެ ހައްގުގައި އަޑުއުފުލީތީ އުފާކުރާ ކަމަށެވެ. އަދި ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއް ނޫން ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވާފައެވެ.
ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ލަސްތަކެއްނުވެ ހޯދާނެ ކަމަށެވެ. އަދި ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކައަކީ މުހިއްމު ވާހަކައެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވޭނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން ކަމަށާއި އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން ކަމަށެވެ.