ފުރަތަމަ ފަހަރަށް ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރަން މަޝްރޫއެއް އިފްތިތާހުކޮށްފިއެވެ.
ފިޝަރީސް މިނިސްޓްރީ އިން ބުނީ ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފްލޯޓިން އޭކާސް އިން ކުރިއަށް ގެންދާ މަޝްރޫއު ބ. ފެހެންދޫގައި މިއަދު އިފްތިތާހުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއު ފެހެންދޫގައި އިފްތިތާހުކޮށްދެއްވާފައިވަނީ ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ ކަނޑުތަކުންންނާއި މޫދުވިނަތައް ހުންނަ ސަރަހައްދުން އުފައްދާ ކާބަން ކްރެޑިޓްސް ވިއްކައިގެން އާމްދަނީ ހޯދުމަށް އައިޓީއެފްސީ އާއިއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ. މިއީ ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ.
މޫދުވިނައަކީ އެހެންވެސް އެއްގަމުގައި ހެދޭވިނަ ފަދައިން މާއަޅާބާވަތުގެ ވިނައަކަށް ވާއިރު، މި ވިނަ ހެދެނީ ލޮނު ފެނުގައެވެ. ދުނިޔޭގެ ޓްރޮޕިކަލް އަދި ޓެމްޕަރޭޓް ސަރަހައްދުތަކުގައި އެންމެ ގިނައިން ހެދޭ މި ވިނަ އަކީ އޭގެ ސަބަބުން ތިމާވެއްޓަށް ގިނަ ފައިދާ ތަކެއް ކުރާ އެއްޗެކެވެ.
އެގޮތުން މޫދުވިނަ ކާއެއްޗެހި އުފެއްދުން ނުވަތަ "ފޮޓޯސިންތަސިސް" ކުރުމުގެ ތެރެއިން ފެނުގައި އަދި ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑު ބޭނުން ކުރެއެވެ. މީގެސަބަބުން ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް މަދުވެއެވެ.