އިޒްރޭލާއި ހަމާސް އާ ދެމެދު ކުރާ ހަނގުރާމަ މަޑުޖައްސާލާފައި ހަމަލާތައް ހުއްޓާލާފައި ބާއްވާ މުއްދަތު 1 ދުވަސް އިތުރު ކޮށްފިއެވެ.
މިއާއެކު ހަމަލާތައް ހުއްޓާލިތާ މިއަދަށް 7 ދުވަސް ވާނެއެވެ.
އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް މަޑުޖައްސާލާފައި ވަނީ ގަތަރު މެދުވެރިވެގެން އެ ދެފަރާތާއި އެމެރިކާވެސް ހިމެނޭ ގޮތުން ގާއިމު ކުރި ސުލްހައިގެ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާ އެއްގޮތަށް ދެފަރާތުން ރަހީނުން ބަދަލުކުރަމުން ދާކަން ގަތަރުން ވަނީ ފާހަގަ ކޮށްފައެވެ.
މިއަދު ހަމަލާތައް ހުއްޓާލާފައި ބާއްވަން އިޒްރޭލުން އެއްބަސްވީ، ހަމާސް އިން 10 މީހުން ދޫކޮށްލަން އެއްބަސް ކުރުވާފައެވެ. އެގޮތުން އިތުރުވާ ކޮންމެ ދުވަހަކަށް 10 މީހުންގެ މަގުން ދޫކުރަމުން ގެންދާ ނަމަ ދުވަސް އިތުރު ކުރާނެެއެވެ.
މި އެއްބަސްވުމުގެ ދަށުން ރޭ ވަނީ އިޒްރޭލުގެ 16 ރަހީނުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ރަޝިއާ-އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހަކާއި ތައިލޭންޑަށް ނިސްބަތްވާ 4 މީހަކު ހިމެނެއެވެ. މި އެންމެންނަކީވެސް އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ރަހީނު ކުރި މީހުންނެވެ.
އިޒްރޭލު މީހުން ދޫކުރުމާއި، އިޒްރޭލަށް ނިސްބަތް ނުވާ އެހެން ގައުމުތަކުގެ މީހުން ދޫކޮށް އެކުއެކީގައި ކުރިއަށް ދިޔަ ނަމަވެސް އެއީ ދެ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ.
މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން ވަނީ އިއްޔެ ފަލަސްތީންގެ 30 މީހަކު މިނިވަން ކޮށްފައެވެ.
އާންމުވެފައި ވާ ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި ހަމާސް އިން ދޫކޮށްލައި އިޒްރޭލުގެ ރަހީނުން ދަނީ ހިނިތުންވުމާއެކު ހަމާސްގެ މެންބަރުންނާ ސަލާމް ކޮށް 'ގްޑްބައި' ކިޔަމުންނެވެ. އިޒްރޭލުން ދޫކޮށްލައި ހަމާސްގެ ގިނަ މީހުން ގާޒާއަށް އެންބުރި ވަންނަނީ ބޮޑެތި ޒަހަމްތަކާއެކުގައެވެ. ނަމަވެސް ބައެއް މީހުން އުފަލުން ދުވެފައި އިޒްރޭލުގެ ޖަލުން ނިކުމެ އެމީހުންގެ އާއިލާތަކުގެ މެންބަރުންނާ ބައްދަލުކާތަން ވެސް ފެނެއެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދިނުން ހުއްޓާލާފައި އޮތް ނަމަވެސް ހުޅަނގު އައްސޭރީގައި ވަރުގަދަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. ބަޑިޖަހާ ބައެއް މީހުން މަރާލާފައި ވާ އިރު އިޒްރޭލު ސިފައިން މިހާރުވަނީ ހުޅަނގު އައްސޭރީގެ ތަބީތު ތަބީތު ހޮސްޕިޓަލް ވަށާލާފައެވެ. އަދި ހުޅަނގު އައްސޭރީގައި އިޒްރޭލުން ހަދާފައި ވާ އޮފާ ޖަލުގެ ބޭރުން 21 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވެސް ވެއެވެ.
އިޒްރޭލުގެ އުދުވާން އެއްކޮށް ހުއްޓާލުމުގެ ނިޔަތެއް ނެތް އިރު ހުޅަނގު އައްސޭރިއަށް ހަމަލާ ދެމުން ގެންދަނީ، އެއްބަސްވުން އޮތީ ހަމައެކަނި ގާޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް ކަމަށް ވާތީއެވެ. އަދި ގާޒާ އެއްބަސްވުން ނިމޭހާ އަވަހަކަށް ގާޒާއަށް ވެސް ހަމަލާ ދޭން ފަށާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރާއި އިޒްރޭލުގެ އަސްކަރީ ކެބިނެޓުގެ ހަރުކަށި ޔަހޫދީ ވަޒީރުން ވަނީ ބުނެފައެވެ.
ގާޒާ ހަމަނުޖެހުން ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، މެދުއިރުމައްޗަށް ކުރާ 3 ވަނަ ދަތުރުގައި އެމެރިކާގެ ހާރިޖީވަޒީރު އެންތަނީ ބްލިންކަން މިއަދު ތެލްއަވީވަށް ވަޑައިގެންފިއެވެ. އޭނާ ހުޅަނގު އައްސޭރިއަށް ވެސް ޒިޔާރަތް ކުރައްވާނެ ކަމަށް ހަބަރުތައް ބުނާ އިރު، މިދަތުރުގެ ބޭނުމަކީ އިޒްރޭލަށް ހިތްވަރު ދެއްވުން ކަމެއް ނުވަތަ ހަމަލާތައް ހުއްޓާލުމަށް ބާރުއެޅުން ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ގާޒާގެ ދެކުނަށް ހަމަލާ ދިނުން މިހުންމު ކަމަށް ނަތަންޔާހޫ، ބްލިންކަން ކައިރީގައި ބުނެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެއީ ހަމާސް ނައްތާލުމަށް މުހިންމު އޮޕަރޭޝަނެއް ކަމަށް ވެސް އޭނާ ބުނެފައި ވާ ކަމަށް އެމެރިކާގެ ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިކަމުގައި ބްލިންކަން ދެއްވި ލަފައެއް އަދި ސާފެއް ނުވެއެވެ.
އޮކްޓޯބަރު 7 ގެ ފަހުން މިހާތަނަށް ޕަލަސްތީނުން 15،000 މީހަކު މަރާލާފައި ވާ އިރު އޭގެ ތެރެއިން 14000 މީހުންނަކީ ގާޒާއަށް ނިސްބަތްވާ މީހުންނެވެ. ކުޑަކުދިންގެ އަދަދު 6000 އަށް އަރައެވެ.
ހަމަލާތައް ހުއްޓާލައި ސުލްހަ ވުމަށް ގޮވާލައި އަޑުތައް ގަދަވަމުން ދާ އިރު އެމެރިކާގެ ކޮންގްރެސް އަށް ނިސްބަތްވާ ބައެއް އެމްޕީން ވަނީ އާންމުންނާއެކު ވައިޓްހައުސް ސަރަހައްދަށް އެއްވެ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އަޑުއުފުލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކޮންގްރެސްގައި ފަލަސްތީނާ އެއްކޮޅަށް އަޑުއުފުލާ ރާޝިދާ ތޯލިބް ވެސް ހިމެނެއެވެ. އަދި މަޝްހޫރު ބައެއް ފަންނާނުން ކަމަށް ވާ ސިންތިއާ ނިކްސަން އާއި ޑެނީ ބެންޓަންވެސް އެ އެއްވުމުގައި ބައިވެރިވެފައި ވެއެވެ.
މީގެ އިތުރުން ފިލިޕީންސްގެ ވެރިރަށުގައި އެގައުމުގެ ރައްޔިތުންވެސް ވަނީ ހަމަލާތައް ހުއްޓާލަން ގޮވާލައި އަޑުއުފުލާފައެވެ.
މީގެ އިތުރުން އަޔަލޭންޑްގައި ވެސް ވަނީ ފަލަސްތީނަށް ތާއީދު ކޮށް ހަރަކާތެއް ބާއްވާފައެވެ. އެގޮތުން އެގައުމުގެ ސިޓީ ސްކެއާގައި ހުންނަ ބޮޑެތި އިމާރާތްތައް ވަނީ ފަލަސްތީނުގެ ދިދަ ރަމްޒުވާހެން ދިއްލާލާފައެވެ.