އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކު ރަހިނު ކުރި އިރު އޭގެ ތެރޭގައި ހިމެނޭ އުމުރުން އެންމެ ހަގު ކުއްޖާ އާއި އޭނާގެ ބޭބެ މަރުވީ އިޒްރޭލުން ބޮން އެޅުމުން ކަމަށް ހަމާސް އިން ބުނެފިއެވެ.
ހަމށް އިން ބުނީ, އިޒްރޭލުގެ ހަމަލާތައް ފެށިތާ ކުރީކޮޅު އުމުރުން 10 މަހުގެ ކްފިރް ބިބާސް އާއި އޭނާގެ 4 އަހަރުގެ ބޭބެ އަދި އެ ދެކުދިންގެ މަންމަ މަރުވެފައި ވާ ކަމަށެވެ.
މިވާހަކަ އިޒްރޭލުން ގަބޫލު ނުކުރާން ބުނެފައި ވަނީ, ހަމާސް އިން ރަހީނު ކުރި މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމާސްގެ ޒިންމާއެއް ކަމަށާއި އެއްވެސް މީހަކު މަރުވެފައި ވާ ނަމަ އެކަމުގެ ފުރިހަމަ ޒިންމާ ހަމާށް އިން އުފުލަން ޖެހޭނެ ކަމަށެވެ.
އެއާއެކު އިޒްރޭލުން ވަނީ ވަގުތުން ވަގުތަށް ހުރިހާ ރަހީނުން ދޫކޮށްލުމަށް ގޮވާލައި ހަމާސް އަށް އިންޒާރު ދީފައެވެ.
އިޒްރޭލުގެ އުދުވާން ފެށިތާ ކުރީކޮޅު ގާޒާއިން ރަހީނުންގެ 50 މީހަކު މަރުވި ކަމަށް ހަމާސް އިން އޭރު ބުންޏެވެ. ނަމަވެސް އޭރު މަރުވި އެންމެންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. އޭރު ހަމާސް އިން ބުނީ އެމީހުން އިޒްރޭލުން 250 މީހުން ރަހީނުކުރި ކަމަށެވެ.
ނަމަވެސް އިޒްރޭލުން ބުނީ ހަމާސް އިން ގެންދިޔައީ 239 މީހުން ކަމަށެވެ. ފަހުން އަދަދުތައް މުރާޖައާކޮށް 240 ކަމަށް ވެސް ބުންޏެވެ.
މިހާރު އިޒްރޭލާއި ހަމާސް އާ ދެމެދު ވަގުތީގޮތުން ހަމަލާތައް ހުއްޓާލާފައި ވާ އިރު, ދެފަރާތުން ގެންދަނީ ރަހީނުން މިނިވަން ކުރަމުންނެވެ. އެގޮތުން މިއަދާ ހަމައަށް ހަމާސް އިން އިޒްރޭލުގެ 50 ރަހީނުން އަދި އިޒްރޭލުން 150 ރަހީނުން ވަނީ މިނިވަން ކޮށްފައެވެ. ހަމާސް އިން މިނިވަން ކުރި ރަހީނުންގެ ތެރޭގައި އިޒްރޭލުގެ ރަހީނުންގެ އިތުރުން ތައިލޭންޑް, ފިލިފީންސް މީހުންވެސް ހިމެނެއެވެ.
އިޒްރޭލުން ބުނާގޮތުގައި އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި 161 ރަހީނުން ތިބޭނެއެވެ. އޭގެ ތެރޭގައި އިޒްރޭލުގެ 146 މީހަކާއި ބޭރުގެ 15 މީހަކު ހިމެނޭނެ ކަމަށް ބުނެއެވެ. އަދި އެމީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 4 ކުދިންނާއި އުމުރުން 75 އަހަރުން މަތީގެ 10 މީހަކު ހިމެނޭނެ ކަމަށް ވެސް ބުނެއެވެ.