އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން، މުހައްމަދު ވަޖީހު އިބްރާހިމް އޮފީހަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައިފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހަށް މިއަދު ރަސްމީކޮށް ވަޖީހު ނިކުމެވަޑައިގެންފައިވާއިރު ވަޖީހުއަށް މަރުހަބާ ދެންނެވުމަށް އެ ކުންފުނީގެ ޗެއާމަން ކެޕްޓަން މުހައްމަދު ޝަރީފާއި ކުންފުނީގެ އިސް މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީއެލްއިން ބުނީ މިއަދު ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ސެކްޝަންތަކުގެ ވެރިންނާއި ސީނިއާ މުވައްޒަފުންނާ ވަޖީހު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރު އެމްޕީއެލްގައި މަސައްކަތްކުރައްވަން ފެއްޓެވި ވަޖީހު ވަނީ އެސިސްޓަންޓް ސީއީއޯގެ މަގާމާއި ޖެނެރަލް މެނޭޖަރުގެ މަގާމާއި އެސިސްޓަންޓް ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައެވެ.

ވިޔަފާރީގެ ދާއިރާއިން އިނގިރޭސި ވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ވަޖީހު އަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ބަނދަރު އަމާންކަމާ އޮމާންކަމާއެކު ހިންގެވުމުގެ ގާބިލުކަން ހުރި ކުޅަދާނަ ތަޖުރިބާ ކާރެކެވެ.

ވަޖީހު ވިދާޅުވީ އަމާޒަކީ ލިބިވަަޑައިގެންފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި 24 ގަޑިއިރު ތެރޭ 48 ގަޑިއިރުގެ މަސައްކަތް ކޮށް ފުރިހަމަ ނަތީޖާއެއް ނެރެ ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ހުރިހާ ކަމެއް ބަދަލުކުރުން ކަމަށެވެ.