ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ތަޖުރިބާކާރު ހުސައިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.

އިނގިރޭސިވިލާތުން ތައުލީމް ހާސިލް ކުރައްވާފައިވާ ހުސައިން ފަހުމީ އަކީ ވިޔަފާރިއާއި އެކައުންޓިންގެ ތަޖުރިބާކާރެކެވެ. އަދި ލައިސަންސް ޓެކްސް އޮޑިޓަރެއްވެސް މެއެވެ.

1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ މިހާތަނަށް ވަނީ އެ ކުންފުނީގައި 25 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ފަހުމީ ވަނީ އޮޑިޓިންގެ ދާއިރާއާއި އެކައުންޓްސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައެވެ.

އެ މަގާމާ ހަވާލުވެވަޑައިގެން ފަހުމީ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންނަށް ވެވަޑައިގެންފައި ވާ ވައުދުފުޅުތައް ފުއްދެވުމުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަކަތައިގެ ދާއިރައިން މާދަމާގެ ޖީލަށް ބޭނުންވާ މުސްތަގުބަލު ގެނެސްދެއްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި މި ފެށުނު ރިޔާސީ ދައުރު ނިމުމުގެ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާނެ ކަމަށެވެ. އަދި މިހާރު ސްޓެލްކޯ އޮތް އަނދަވަޅުން ނަގާ، ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންފުޅުވާ މަގުސަދު ހާސިލް ކުރައްވާނެ ކަމަށެވެ.

2018 ވަނަ އަހަރު ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވީ ޖެޕީ ސްލޮޓެއްގައި ހަސަން މުގްނީއެވެ. އެއަށްފަހު މުގުނީ ވަކިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަގާމު ދެއްވީ ކުރީގެ އީސީގެ ރައީސް އަހުމަދު ޝަރީފަށެވެ. އެއަށްފަހު ސަރުކާރު ބަދަލުވެ އާ އެމްޑީ އައްޔަން ކުރެވެންދެން އެ މަގާމު އަދާކުރައްވަމުން ގެންދެވީ ޝަރީފެވެ.