ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަށާފައި ވާ ހަނގުރާމަ މިވަގުތަށް މަޑުޖައްސާލައިފައި ވާ އިރު، ހަމާސް އާއި ހަމާސް އަށް ތާއީދު ކުރާ އެންމެން މަރުވާން ޖެހޭނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފިއެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ހާޒީ ހަލެވީ ބުނީ، ހިނގަމުންދާ ސުލްހައިގެ ވަގުތު ހަމަވުމާއެކު ހަމަލާތައް އަލުން ފަށާނެ ކަމަށާއި ހަމާލާތައް ހުއްޓާލަން އެއްބަސްވީ، އިޒްރޭލުގެ ސަފުތައް އަލުން ރުކުރުވާލައި، ގާޒާގެ އެއްގަމުގެ ހާލަތު ރަނގަޅަށް ވަޒަން ކުރުމުގެ އިތުރުން އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރުމަށް ކަމަށެވެ.

އެހެން ކަމުން ހަމަލާ ހުއްޓާލަން އެއްބަސްވި މުއްދަތު މާދަމާ ހަމަވުމާއެކު ހަމަލާތައް އަލުން ފަށާނެ ކަމަށާއި އެކަމަށް ޔަހޫދީ ފައުޖު މިހާރު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، ދުނިޔޭގެ ކޮންމެ ތާކު ތިއްބަސް، އަތުގައި އޭކޭ 47 އެއް ނެތަސް އަދި އަގުބޮޑެތި ސޫޓު ލައިގެން އުޅުނަސް ހަމާސް އާއި ހަމާސް އަށް ތާއީދު ކުރާ އެންމެން މަރުވާން ޖެހޭނެ ]މަރާނެ] ކަމަށެވެ.

ހަމަލާ ހުއްޓާލާފައި ބާއްވާ މުއްދަތު އިތުރު ކުރުމުގެ ރޫހެއް ފަލަސްތީނުގެ އާމުންގެ ތެރޭގައި އޮތް އިރު ދުނިޔޭގެ ގިނަ ގައުމުތަކުންވެސް އެކަމަށް ގޮވާލަމުން ދެއެވެ. އަދި ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ހަމަލާތައް ހުއްޓާލާފައި އޮތް މުއްދަތު އިތުރު ވުމަކީ މުހިންމު ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެއްބަސްވީ މުއްދަތު ގައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދެވެމުން ދާ ކަމަށާއި އެއީ ހެޔޮ ބަދަލެއް ކަމަށެވެ. ހަމަ އެހެންމެ ހަމާސްގެ އަތް ދަށުގައި ތިބި ރަހީނުން މިނިވަން ކުރެވިގެން ދިޔުމަކީވެސް ރަނގަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެއްބަސްވެފައި އޮތް ގޮތުން މުއްދަތު ހަމަވުމަށް ފަހު ހަމާސް އިން ދޫކުރާ ކޮންމެ 10 މީހަކަށް އިތުރު 1 ދުވަސް ލިބޭނެ ކަމަށާއި އެގޮތަށް ގޮސް ހުރިހާ ރަހީނުން މިނިވަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަަމަވެސް ސީދާ ސުލްހައިގެ މުއްދަތު އިތުރު ކުރައްވާނެ ވާހަކައެއް އޭނާ ވިދާޅެއް ނުވެއެވެ. އެމެރިކާގެ ވެސް ބައިވެރިވުމާއެކު ޔަހުދީ އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލުމަށް ކުރާ ހަނގުރާމަ ނުހުއްޓޭނެ ކަމަށް ޔަހޫދީ ބޮޑުވަޒީރުވެސް ބުނެފައި ވެއެވެ. ސުލްހައިގެ މުއްދަތު އިތުރު ކުރަން ދުނިޔެގެ ގައުމުތަކުން ބާރު އެޅިނަމަވެސް ނަތަންޔާހޫ ބުނެފައި ވަނީ މިވަގުތު އިޒްރޭލުން ހާސިލު ކުރަން ބޭނުންވަނީ ދެކަމެއް ކަމަށާއި އެއީ ރަހީނުން މިނިވަން ކުރުމާއި ހަމާސް ނައްތާލުން ކަމަށެވެ. އެހެން ކަމުން މުއްދަތު ހަމަވުމާއެކު ހަމަލާތައް އަލުން ފަށާނެ ކަމަށް ބުނެފައި ވެއެވެ.

ގާޒާ ހަނގުރާމައިގެ މައްސަލައިގައި އިޒްރޭލުގެ އާންމު ރައްޔިތުންގެ މެދުގައި މިހާރު މަގުބޫލުކަން ގެއްލިފައިވާ ނަތަންޔާހޫ، ހަނގުރާމަ އާ ކުރަން ބުނަނީވެސް އެހެންވެގެންނެވެ. ހިޔާލު ހޯދުމުގެ ނަތީޖާތަކުން ދައްކާ ގޮތުން، އިޒްރޭލުގެ ގިނަ ބަޔަކު މިވަގުތު ބޭނުންވަނީ ގާޒާ އެއްކޮށް ފުނޑުފުނޑު ކޮށްލާށެވެ. އިޒްރޭލގެ އިދިކޮޅު ލީޑަރާއި، ޑިފެންސް މިނިސްޓަރު ފަދަ ނުލަފާ މީހުން އެ ގޮތަށް ވާހަކަ ދައްކާ، ނަތަންޔާހޫއަށް ނުވި ކަމަށް ބުނަމުން ދިޔުމުގެ ނަތީޖާ އަކީ، އިދިކޮޅު ލީޑަރުގެ މަގުބޫލުކަން މައްޗަށް ދިޔުމެވެ. އަދި އިޒްރޭލު މީހުން މިހާރު ބޭނުންވަނީ އިދިކޮޅު ލީޑަރު ބޮޑުވަޒީރު ކަަމަށް ގެންނާށެވެ.