އިންޑިއާގެ އުއްތަރްކާންދުގައި ފަރުބަދަ ކަނދައިގެން ހަދަމުން ދާ ދިގު ޓަނަލްގެ ބައެެއް ވެއްޓި އެތެރޭގައި ތާށިވި މީހުން ނުނެރެވި ތިބޭތާ 16 ދުވަސް ވެއްޖެއެވެ.

އެކްސްޕާޓުންނާއި އޮފިޝަލުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ އިރު، ބޭނުން ކުރަމުން ދާ ބައެއް މެޝިނަރީޒްތައް ހަލާކުވެ ބޮޑެތި ގޮންޖެހުންތަކާ ދަނީ ކުރިމަތިވަމުންނެވެ.

890 ކިލޯމީޓަރު، 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ މި ޓަނަލް ހެދުމުގެ މަސައްކަތުގައި އުޅުނު 41 މީހަކު ޓަނަލްގެ ތެރޭގައި ތާށިވި ހާދިސާއަށް 16 ދުވަސް ވެފައި ވާ އިރު، އެމީހުން ނެރުމަށްޓަކައި އެހީވުމަށް ބިމު އަޑިއާ ބެހެ އޮސްޓްރޭލިއާގެ އެކްސްޕާޓު އާނޯލްޑް ޑިކްސް ވެސް ދަނީ ހަރަކާތެރިވަމުންނެވެ.

އޭނާ ބުނީ މިއީ އޭނާގެ މުޅި ކެރިއަރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ޓެކްނިކަލް ގޮތުންވެސް ގޮންޖެހުންތައް ހުރުމުގެ އިތުރުން މަސައްކަތް ކުރަން ޖެހިފައިވަނީ ވެސް ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަމަށެވެ.

ތާށިވި މީހުން ތިބީ ޓަނަލުގެ ވަރަށް އެތެރޭގައި ކަމުން، ޓަނަލް ހަދަމުން ދާ ފަރުބަދައިގެ މަތިން ތޮރުފުމުގައި ވެސް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. އަދި އަރިމަތިން ތޮރުފަން ބަލާއިރުވެސް ފަރުބަދަ ފެތުފިފައި އޮތް ބޮޑުމިނާ ހުރެ އެކަން ފަސޭހައިން ކުރެވެން ނެތް ކަމަށް އޭނާ ބުނެއެވެ.

އެތެރޭގައި ތާށިވި މީހުންނަށް ބޭނުންވާ އޮކްސިޖަން އާއި ކާތަކެތި ފޯރުކޮށްދިނުމަށް ޓަނަލުގެ އަރިމަތިން ހޮޅިއެއް ވައްދައިގެން އެކަން ކުރަމުން ދިޔަ ނަމަވެސް އެއީ ދިގުމުއްދަތަކަށް އެކަން ކުރެވޭނެ ގޮތެއް ނޫނެވެ.

އިންޑިއާގެ ކުންފުންޏަކުން މަސައްކަތް ނަގައިގެން އޮސްޓްރޭލިއާ އަދި ޖަރުމަނުގެ އިންޖިނިއަރިން ކޮންސަލްޓަންސީ ކޮންޕެނީ، ބާނާޑް ގްރޫޕޭ އާ ހަވާލު ކޮށްގެން ކޮށްގެން ކުރިއަށް ގެންދާ މި ސައްކަތުގައި ޓަނަލްގައި ދިމާވެދާނެ ހާދިސާއަކުން ސަލާމަތް ވުމަށް އެސްކޭޕް ޓަނަލެއްވެސް ހަދަން ޖެހެއެވެ. 2018 ގައި މަސައްކަތް ފެށި މި ޓަނަލްގައި މިއަދާ ހަމައަށް އައިއިރު އެސްކޭޕް ޓަނަލް ހަދާފައެއް ނުވެއެވެ.

ބިންހެލުން އާންމުކޮށް އަންނަ ހިމާލަޔަން ސަރަހައްދަކީ ތާރީހީ ލިޔުންތަކުން ދައްކާ ގޮތުން، 45 މިލިއަން އަހަރު ކުރިން އުފެދިގެން އައި ބިންގަނޑުގެ ލޮޅުމާއެކު ކޮންޓިނެންޓަލް ޝެލްފް ގެ ދެބައި ގުޅިފައި ވާ މާސިންގާ ބޮޑު ސަރަހައްދެކެވެ. ދުނިޔޭގައި ހުރި އެންމެ ޅަ ފަރުބަދަތަކީވެސް ހިމާލަޔަންގެ ފަރުގަދަ ތަކެވެ.

އެ ފަރުބަދަ ތަކުގެ އަޑިން ކޮންނަމުން ހަދަމުން ދާ ޓަނަލަކީ، އުއްތަރްކާންދުގައި ހިންދީން އަޅުކަން ކުރަން [ހިންދީންގެ ހައްޖުވުން] ދާ ސަރަހައްދަށް ދިޔުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސީދާ ބެއްލުވުމުގެ ދަށުން ފަށާފައި ވާ މަޝްރޫއެކެވެ. މީގެ ކުރިން އެސަރަހައްދުގެ ބިންގަނޑަށް ލޮޅުން އައިސް ބިންގަނޑު ކަނޑައިގެން ދާ ހާދިސާތަކެއް ހިނގާފައި ވާތީ އާއި އެއްގަމު މަގުން ކުރަން ޖެހޭ ދަތުރުގެ ދިގުކަމުން، އަޅުކަމަށް ދާ މަގު ކުރުކުރުމަކީ މިޓަނަލުގެ އެއް ބޭނުމެވެ.

އެތަނުން އެއް ސަރަހައްދަކީ ކޭދަރްނާތް އެވެ. އެތަނަކީ 2013 ގައި ބިންގަނޑު ކަނޑައިގެން ގޮސް ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައި ވާ ސަރަހައްދެކެވެ.

އެއީ މި ފާއިތުވި 15-20 އަހަރުގެ ތެރޭގައި ދެތިން ޓަނަލެއްގެ މަސައްކަތެއް ވެސް ކުރި ސަރަހައްދެކެވެ. އެ މަސައްކަތުގެ ސަބަބުން ބިންގަނޑަށް އަންނަ ލޮޅުމާއި ފަރުބަދަތަކަށް ލިބެމުން ދާ ގެއްލުންތަކުގެ ސަބަބަކީ މިފަދަ ހާދިސާއެއް ހިނގުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް މީގެ ކުރިންވެސް އޮފީ ބެލެވިފައެވެ. އެ ސަރަހައްދުގައި މީގެ ކުރިން ހެދި ސިލްކްޔާރާ ޓަނަލް އަކީ 400 މީޓަރުގެ ކުރު ޓަނަލެކެވެ. މީގެ އިތުރުން ރެއިލް އާއި ހައިޑްރޯޕަވާ ޕްރޮޖެކްޓުގެ ބޭނުމަށް ވެސް އެސަރަހައްދުގައި ޓަނަލެއް ހަދާފައި ވެއެވެ. އެއީ 125 ކިލޯމީޓަރުގެ ތަނަލެކެވެ.

ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ބިންގަނޑު ކަނޑައިގެން ދިޔުމުގެ 1000 ހާދިސާއެއް އެސަރަހައްދުގައި ހިނގާ، 48 މީހަކު މަރުވެފައި ވެސް ވެއެވެ.

މިހާރު ވެއްޓިފައިވާ މި ޓަނަލަކީ 50 މިނެޓުގެ އެއްގަމު ދަތުރެއް ހައިސްޕީޑް ރެއިލްގައި 5 މިނެޓަށް ކުރުކޮށްލަދޭނެ ޓަނަލެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.