ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާ 3 ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން، އެކަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 2:06 ހާއިރު މަރުވީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ 7:40 ހާއިރު ހިނގި މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު، ދެ މީހަކަށް ފަރުވާދިނުމަށް ފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މި އެކްސިޑެންޓާ ގުޅިގެން ހޮސްފިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ފިރިހެންމީހާ ނިޔާވެފައިވާއިރު، އަނިޔާވި އަންހެންމީހާ އަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލުތަކުގައި ޖެހިގެން ކަމަށާއި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށެވެ.

ފަހަކަށް އައިސް މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުން އަންނައިރު އިއްޔެ އެކަނިވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި 3 އެކްސިޑެންޓް ހިނގާފައެވެ.