ހުއްދަނެތި ގެއަކަށް ވަން ހދ. ނޭކުރެންދޫ ބޯގަންވިލާ، އިބްރާހިމް އަޝްފާގު ޖަލަށްލާން ހުކުމް ކޮށްފިއެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މި އަަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ފަތިހު 5:45 ހާއިރު ގ. ތަލްވާރޭގެއަށް ވެރިފަރާތުގެ ހުއްދަ ނެތި އަޝްފާގު ވަދެފައިވާ ކަމަށެވެ.

މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. ކުށަށް އިއުތިރާފުވާ ހާލަތުގައި ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑުން 1 ދަރަޖަ ދަށްވާނެއެވެ.

އިބްތިދާއީ އަޑުއެހުން އަޝްފާގު ވަނީ ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިއުތިރާފުވާ ކަމަށް ބުނެފައެވެ. އެގެއަށް ވަދެވުނީ މަސްތުގެ ހާލަތުގައި ކަމަށާއި މަސްތުވެފައިވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް އަޝްފާގު ވަނީ ބުނެފައެވެ. އަދި އެގެއަށް ވަދެވުނުކަމާމެދު އިންކާރު ނުކުރާ ކަމަށާއި ދައުވާއަށް ވެފައިވާ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއްނެތި ކަމަށް އަޝްފާގު ވަނީ ބުނެފައެވެ.

އިއުތިރާފު ވެފައި ވާތީ އެ މައްސަލަ ވަނީ އަވަސްނިޔާއިން ކުރިއަށް ގެންގޮސްފައެވެ.

އަދަބާ ގުޅިގެން އަޝްފާގު ބުނެފައިވަނީ އަދާކުރަންޖެހޭ ދަރަނިތަކެއް ހުރުމުން އޭނާގެ މައްޗަށް ގޭ ބަންދުގެ އަދަބު ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

އެ ކުށް އޭނާ ކޮށްފިކަން ކަނޑައަޅާ، 2 މަހާއި 12 ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވީ ނަމަވެސް އެ މައްސަލާގައި މީގެ ކުރިން 16 ދުވަސް ބަންދުގައި ހޭދަކޮށްފައިވުމާއެކު އަޝްފާގު ދެން ތަންފީޒު ކުރަންޖެހޭނީ 1 މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.